ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ބޮޑެތި މަޝްރޫއުތައް ލޯންޗުކޮށްފިއެވެ.
އެކަމަށްޓަކައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، "ޓްރާންސްފޯމިންގް ޓުމޯރޯ: ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކީ ޕްރޮޖެކްޓްސް" ލޯންޗު ކޮށްދެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ.
ހުޅުމާލޭގައި ހިންގާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރެވޭ މަޝްރޫއުތައް ހިމެނޭހެން ޖުމްލަ 15 މަޝްރޫއެއް ރޭ ލޯންޗު ކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނޭ ބައެއް މަޝްރޫއުތަކުގެ މޮޑެލްތައްވެސް ވަނީ ރޭ ދައްކާލާފައެވެ.
ރޭގެ ރަސްމިއްޔާތުގައި ލޯންޗުކުރެވުނު އައިލް އެޑްވެންޗާ ޕާކުގެ ޑިޒައިން ކޮންސަލްޓަންސީ އަދި ތަނުގެ އޮޕަރޭޝަންއަށް މުހިންމު ތަމްރީނުތައް ދިނުމާ ގުޅޭ ފަހުމުނާމާ އެއްގައި ސޮއިކޮށްފައިވާއިރު، މި ފަހުމުނާމާގައި ސޮއިކުރެއްވީ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު އަދި ޑޭވިޑް ޕިއެރިސް ސިޓީ ޑިވޮލަޕްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުއެވެ.
އެޗްޑީސީން ރޭ ލޯންޗުކުރި މި މަޝްރޫއުތަކަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް، ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ތަރައްގީ ކުރުމަށް ލޯންޗުކުރެވިގެންދިޔަ މަޝްރޫއުތަކެއްކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. އަދި މި މަޝްރޫއުތަކުގެ މަގްސަދަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ އިގްތިސާދަށް ރަނގަޅު ބަދަލެއް ގެނައުންކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެގޮތުން، މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ރިޔާސީ ވައުދާ އެއްގޮތަށް ލޯންޗުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލޭގައި ހިންގޭ އިތުރު ދެ ސޯޝަލް ހައުސިންގެ މަޝްރޫއާއި ރޯ ހައުސް މަޝްރޫއެއް އަދި ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރީ ފެބް ގެތަކުގެ މަޝްރޫއު ހިމެނޭކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
ރޭ ލޯންޗުކުރެވުނު ކީ ޕްރޮޖެކްޓުތައް
1. ރަސްމާލެ ޕްރޮޖެކްޓު - ރާއްޖޭގެ ފުރަތަމަ އިކޯ ސިޓީ
މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންތެރި ލީޑާޝިޕްގެ ދަށުން ރަސްމާލެ މަޝްރޫއު ފެށީ ޑިސެމްބަރު 2023 ގައެވެ. ބިމުގެ ގޮތުން ހުޅުމާލެއަށްވުރެ ތިން ގުނަ ބޮޑު މި ޕްރޮޖެކްޓަކީ 325،000 މީހުންގެ އާބާދީއަށް ދިރިއުޅުމުގެ ފަސޭހަތައް ހޯދައި ދިނުމަށް ތަރައްގީކުރާ ޕްރޮޖެކްޓެއް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. މި ޕްރޮޖެކްޓުގެ ދަށުން 65،000 ހައުސިން ޔުނިޓު ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންގޮސް، ރައީސްގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މި ދައުރުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެވޭނެކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
2. ރޯ ހައުސް - މޮޑާން ކަނެކްޓެޑް ހޯމްސް، (ހުޅުމާލެ)
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ފަދައިން، ހުޅުމާލެ ފޭސް 2 ގައި މުޅިން އާ ރޯ ހައުސްތަކެއް އެޅުމަށް ޕްލޭންގައި ހިމަނާފައިވާއިރު، މި މަޝްރޫއުގެ ދަށުން 32 ޔުނިޓް އެޅިގެންދާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. މި ޕްރައިވެޓް ރޯ ހައުސްތައް ތަރައްގީ ކުރާނީ އެކްސްކްލޫސިވް ކްލަބް ހައުސްތަކާއި، ޕޫލް އަދި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. ހަމައެކަނި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެޅޭ ފިޔަވަޅެއްގެ އިތުރުން، ވަޒީފާގެ ފުރުސަތުތައް ފަހިވެ، ލޯކަލް އިގްތިސާދު ހަރުދަނާވެ، އަދި އާންމުންގެ ފުދުންތެރިކަން އިތުރުވެގެންދާނެ މަޝްރޫއެއް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
3. ސޯޝަލް ހައުސިން ޕްރޮޖެކްޓްސް - (ހުޅުމާލެ)
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ރިޔާސީ ވައުދާ އެއްގޮތަށް، ހުޅުމާލޭގައި އިޖްތިމާއީ ބޯހިޔާވަހިކަމުގެ އިތުރު ދެ މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. މި ދެ މަޝްރޫއުގެ ދަށުން ޖުމުލަ 2100 ހައުސިން ޔުނިޓު ހުޅުމާލޭގައި ގާއިމްކުރެވިގެންދާއިރު އެޗްޑީސީއިން ބުނީ އެއީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ސޯޝަލް ހައުސިން އެޕާޓްމަންޓްސްތައް ކަމަށެވެ. މި މަޝްރޫއުގެ ތެރެއިން، ދިވެހި ވިޔަފާރިތަކަށް ފުރުސަތު ލިބޭ ގޮތަށް ކޮމާޝަލް ޔުނިޓުތައްވެސް ގާއިމްކުރުމަށް ނިންމާފައިވާކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
4. މޮޑާން ޕްރީފެބް ހޯމްސް - އިނޮވޭޓިވް އަދި ސަސްޓެއިނަބަލް ލިވިން (ހުޅުމާލެ)
ރާއްޖޭގެ އިމާރާތްކުރުމުގެ އިންޑަސްޓްރީއަށް އިނޮވޭޓިވް ސޮލިއުޝަނެއްގެ ގޮތުގައި ޒަމާނީ ޕްރީފެބް ގެތައް ތައާރަފުކުރުން ނިންމާފައިވާއިރު ބިންވެރިޔާ ހައުސިން ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއްކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. މޮޑާން ޕްރީފެބް ގެތަކަކީ ޑިޒައިން ކަސްޓަމައިޒް ކުރެވޭ ގޮތަށް، އަވަހަށް އަދި ކުޑަ ހަރަދަކުން އިމާރާތް ކުރެވޭނެ ގެތަކެއް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ސަރުކާރުން މި މަހު 5 ވަނަ ދުވަހު އިފްތިތާހުކުރި "ހިޔާވަހި ފައިނޭންސް ސްކީމް"ގެ ދަށުން، %5 އަށްވުރެ އިންޓްރެސްޓް ބޮޑު ނުވާގޮތަށް ދޫކުރާ ލޯނު ސްކީމާއި، މާލެ ސަރަހައްދަށް ދޫކުރާ 6 މިލިއަން ރުފިޔާގެ ލޯނު ސްކީމުން، މި ޕްރީ ފެބް ގެތައް ގަތުމަށް ފަސޭހަވެގެންދާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. މިއީ، ސަރުކާރުގެ ދެމެހެއްޓެނިވި ތަރައްގީއާއި ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
5. ފަރުކޮޅުފުށި ގޭޓެޑް ކޮމިއުނިޓީ - ޕްރައިވެޓް ލަގްޒަރިއަސް ލިވިން (ހުޅުމާލެ)
ފަރުކޮޅުފުށި، ގޭޓެޑް ކޮމިއުނިޓީއަކީ ޕްރައިވެޓް ލަގްޒަރީ ލިވިން ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މަޝްރޫއެއްކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އެތަނުގައި 20 ބީޗް ވިލާއާއި، 60 ގާޑަން ވިލާއާއި، 26 އާބަން ވިލާ އަދި 230 ސާވިސް އެޕާޓްމަންޓް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު އެތަނުގެ ވަށައިގެން ޕްލާޒާ، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް، ކްލަބްހައުސް، ރެސްޓޯރަންޓް އަދި ލެޕް ޕޫލް ފަދަ ހިތްގައިމު ވަސީލަތްތައް ގާއިމްކުރާނެކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. އަދި އިވެންޓު ސްޕޭސް ވެސް ފަރުކޮޅުފުށީގައި ގާއިމް ކުރެވިގެންދާއިރު 5 ފަންގިފިލާގެ ހޮޓެލް އިމާރާތެއް އެތަނުގައި ގާއިމްކުރާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އެއީ، 85 ކޮޓަރި ހިމެނޭ އިމާރާތެއްކަން ހާމަކޮށް އެޗްޑީސީއިން ބުނީ އެ ހޮޓަލުގައި ޕޫލް އާއި، އިވެންޓް ހޯލް އަދި ވީއައިޕީ ޕާކިން ހިމެނޭނެކަމަށެވެ. އިތުރަށް އެޗްޑީސީއިން ބުނީ މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިޝަންއާ އެއްގޮތަށް، ހައުސިންގެ އިތުރުން، ލަގްޒަރީ ލިވިން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށޭ މުހިންމު މަޝްރޫއެއްކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިގްތިސާދު އިތުރަށް ފުޅާވެ، އާއްމު ތަނަވަސްކަން އިތުރުވާނެކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.
6. އެސްއޯއީ އޮފީސް ބިލްޑިންގް އަދި އެސްއެމްއީ ބިލްޑިން (ހުޅުމާލެ)
ސަރުކާރު ހިއްސާވާ ކުންފުނިތައް އެއް އިމާރާތެއްގައި ހިންގޭ ގޮތަށް، ހުޅުމާލޭގައި އެސްއެމްއީ ބިލްޑިން އެއް އެޅުމަށްވެސް ޕްލޭންގައި ހިމަނާފައިވާއިރު 10 ފަންގިފިލާގެ މި އިމާރާތް ތަރައްގީ ކުރެވިގެންދާނީ އެސްއޯއީތައް ހިންގުމަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. އަދި ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން މި އިމާރާތުގައިވެސް ކޮމާޝާލް ޔުނިޓުތައް ހިމެނޭއިރު، މެގަ ޕްރޮޖެކްޓުތަކުގެ ތެރޭގައި އެސްއެމްއީ ބިލްޑިން އެއް ތަރައްގީކުރުން ހިމެނުމުގެ މަގްސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އިތުރު ފުރުސަތު ފަހިކޮށްދިނުންކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. މިއީ ލޯކަލް ވިޔަފާރިތައް ބާރުވެރި ކުރުމަށް ރައީސް ގެންގުޅުއްވާ ވިސްނުންފުޅު ދަށުން ހިންގާ މަޝްރޫއެއްކަން ފާހަގަކޮށް އެޗްޑީސީއިން ބުނީ މި އެސްއެމްއީ ބިލްޑިންގައި ކޮންފަރެންސް ރޫމްތަކާއި، ކޯ ވޯކިންގް ސްޕޭސްގެ އިތުރުން ރޫފް ޓޮޕް ގާޑެން ހިމެނޭއިރު، އިމާރާތުގައި ކޮމާޝަލް އައުޓްލެޓްސް ވެސް ހުންނާނެކަމަށެވެ.
7. އެޗްޑީސީ ބިލްޑިންގް (ހުޅުމާލެ)
އެޗްޑީސީގެ އޮޕަރޭޝަންތައް ހަރުދަނާކޮށް މަސައްކަތް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އާ ހެޑް އޮފީހެއް އެޅުމަށް ނިންމާފައިވާއިރު އެ ކުންފުނިން ބުނީ މި ހެޑް އޮފީސް އިމާރާތުގައި ކޮމާޝަލް ސްޕޭސްތައް ހުންނާނެކަމަށެވެ. އަދި ޓްރެއިނިން ސެންޓަރަކާއި، ރިކްރިއޭޝަނަލް އޭރިއާ، ޑެކެއަ، އެކްސްޕީރިއެންސް ސެންޓަރު، އެގްޒިބިޝަން އަދި ޕާކިން ސްޕޭސްތައް ހިމެނޭނެކަމަށް އެޗްޑީސީއިން ވަނީ ބުނެފަައެވެ. އަދި މި ބިލްޑިންގެ އެންމެ ބޮޑު އެއް މަގްސަދަކީ އެފިޝިއެންޓް ވޯކް ސްޕޭސްއެއް އުފެއްދުންކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
8. އެލްޑަލީ ކެއާ ފެސިލިޓީ (ހުޅުމާލެ)
މިތަނުން އިސްރަށްވެހިންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ، އެގޮތުން ކޮމްޕްރިހެންސިވް ކެއާގެ ދަށުން އިސްރަށްވެހިންނަށް ހެލްތް އެންޑް ވެލްނެސް ޕްރޮގްރާމްތައް ހިންގޭނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އަދި އެފަރާތްތަކަށް ބޭނުންވާ އެންމެ އެކަށީގެންވާ ނިއުޓްރިއަސް މީލްސް ނުވަތަ ކެއުން ލިބިގެންދާއިރު މިއީ، އިސްރަށްވެހިންނަށް ދިރިއުޅުމަށް ހިތްފަސޭހަ މާހައުލަކަށް ވާނެ އަދި އެތަނުގައި އޮފީސް ސްޕޭސްތައްވެސް ހުންނާނެ ތަނެއްކަމުން އެ ކުންފުނިން ވަނީ ބުނެފައެވެ. އެތަނުން ކޮންމެ އިސްރަށްވެއްސަކަށް ބޭނުންވާ ސްޕެލައިޒްޑް ކެއާ ލިބޭނެ އަދި އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް ޕްރޮގްރާމްތައް ހިންގޭނެއެވެ. އަދި މިތަން ތަރައްގީ ކުރާނީ އެންމެ ފަހުގެ ވަސީލަތްތަކާއި ސެކިއުރިޓީ ހިމެނޭ ގޮތަށްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
9. ޕާކިން ބިލްޑިން- އިނޮވޭޓިވް ޕާކިން ސޮލިއުޝަން (ހުޅުމާލެ)
މި ސަރުކާރުން ވެހިކަލް ޕާކިން މައްސަލައަށް ހައްލު ހޯދުމަށް، ހުޅުމާލޭގައި 15 ޕާކިން ބިލްޑިންގ ތަރައްގީ ކުރުމުގެ މަސައްކަތް އެޗްޑީސީއިން ވަނީ މިހާރު ފަށާފައެވެ. ސޯލާ ހަކަތަ ބޭނުންކުރާ ގޮތަށް ފަރުމާކުރާ މި 15 ޕާކިން އިމާރާތުގައި 4،000 އަށް ވުރެ ގިނަ ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ތަނަވަސްކުރެވިގެން ދާއިރު މިތަންތަން ތަރައްގީކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން އެކްސެސް ވެވޭ ގޮތަށްކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އަދި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންތައްވެސް ހިމެނޭ ގޮތަށް ތަރައްގީކުރާ މި ތަނުގެ އެކި ޕާކިންގް ބިލްޑިންތަކަށް ބަހާލައިގެން، ރޫފް ޓޮޕްގައި ރެސްޓޯރެންޓުތަކާއި، ޓެނިސްއާއި، ސްކޭޓް ޕާކާއިމ މިނީ ގޮލްފްއާއި ޖިމް އަދި ރޮކް ކްލައިމްބިން ތަރައްގީ ކުރާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. މި މަޝްރޫއަކީ މަގުގެ ދެފަރާތުގައި ޕާކު ކޮށްފަ ހުންނަ މައްސަލައާއި، މަގު ތޮއްޖެހުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެއެވެ.
10. އައިލް އެޑްވެންޗާ ޕާކު (ހުޅުމާލެ)
އައިލް އެޑްވެންޗާ ޕާކަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ ރޭސިން ޓްރެކް، ޑްރިފްޓް ޓްރެކް، ގޯ-ކާޓް ޓްރެކް، ޕެއިންޓްބޯލް، ރޯލާ ސްކޭޓިން އަދި ވޯޓާ ތީމް ޕާކެއް ހިމެނޭ ގޮތަށް، ހުޅުމާލޭގައި ތަރައްގީކުރާ މަޝްރޫއެކެވެ. މިއީ، އާންމު ރައްޔިތުންނަށް މުނިފޫހި ފިލުވުމުގެ ތަފާތު ވަސީލަތްތައް ގާއިމްކުރުމުގެ ވައުދާ އެއްގޮތަށް ކުރިއަށްގެންދާ މަޝްރޫއަކަށްވާއިރު މިއީ، ޒުވާނުންނަށް މިފަދަ ކަންކަމުން ހުނަރު ތަރައްގީކޮށް، ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ވާދަކުރުމުގެ ފުރުސަތު ފަހިވުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. މިތަނުގައި ބީޗަށް އެކްސެސް ވެވޭ ގޮތަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު މިތަނުގައި ކުދި ފިހާރަތަކާއި، ފުޑް އެންޑް ބެވެރެޖް އައުޓްލެޓްތައް އަދި އޮން ސައިޓް ހޮޓެލް ސާވިސަސް ލިބޭނެއެވެ. މި މަޝްރޫއުގެ ސަބަބުން ލޯކަލް ޓޫރިޒަމަށް ރަނގަޅު އަސަރު ކުރާނެ ކަން ފާހަގަކޮށް އެޗްޑީސީއިން ބުނީ މިއީ ވަޒީފާގެ ފުރުސަތުތައްވެސް ފަހިވެގެންދާނެ މަޝްރޫއެއް ކަމަށެވެ.
11. ހިސްޓްރީ ސެންޓަރު (ހުޅުމާލެ)
ދިވެހިންގެ ދިވެހިވަންތަކަން ދެމެހެއްޓުމަށް ރައީސް ދެއްވާ އަހަންމިއްޔަތުކަމުގެ ދަށުން، "ދިވެހިންގެރާއްޖެ" ސްލޯގަންއާ އެއްގޮތަށް، ދިވެހިންގެ ތާރީހު ދައްކުވައިދޭ މަރުކަޒެއް ހުޅުމާލޭގައި ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ ތާރީހު ކިޔައިދީ، އަންނަން އޮތް ޖީލުތަކާ ހަމައަށް އެ ވާހަކަތައް ގެނެސްދިނުމުގެ މަގްސަދުގައި ތަރައްގީ ކުރެވިގެންދާ ތާރީހީ މަރުކަޒެއްކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. މިތަން ތަރައްގީ ކުރެވިގެންދާނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. އެޗްޑީސީއިން ބުނީ މިތަނުގެ ސަބަބުން އަންނަ އޮތް ޖީލުތަކަށް ކުރިން ދިވެހިން ކަންކަން އުޅުނު ގޮތާއި ދިވެހިންގެ ތާރީހު އޮތްގޮތަށް އަދުގެ ޅަދަރިންނަށް އިނގިގެންދާނެކަމަށެވެ. އަދި މިއީ ކުޑަކުދިންނަށް ޝައުގުވެރި ގޮތަށް ދިވެހި ތާރީހު ކިޔައިދިނުމަށް މުހިންމު ރޯލެއް އަދާކުރާނެ މަރުކަޒެއް ކަމަށެވެ. މިއީ ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށްވެސް ރާއްޖޭގެ ތާރީހު ދައްކާލުމަށް މުހިންމު މަޝްރޫއެއްކަންވެސް އެޗްޑީސީއިން ވަނި ފާހަގަކޮށްފައެވެ.
12. ނޮލެޖް ޕާކް - އެޑިއުކޭޝަނަލް އިނޮވޭޝަން ސެންޓަރު (ހުޅުމާލެ)
ހުޅުމާލޭގައި ތަރައްގީ ކުރެވިގެންދާ މި ނޮލެޖް ޕާކުން ދަރިވަރުންގެ އުނގެނުމުގެ ތަޖުރިބާ ބަދަލުކޮށްލާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ މިއީ، ތައުލީމު އުނގަންނައިދޭ މަރުކަޒުތަކަށް މާލެ ސަރަހައްދުގައި އޮތް ޑިމާންޑަށް ލުއިކަމެއް ގެނެސްދެވޭނެ ޕްރޮޖެކްޓެއްކަން ފާހަގަކޮށް އެޗްޑީސީއިން ބުނީ މިތަނުން، މާލެ ސަރަހައްދުގެ ވަކިވަކި ކޮލެޖް ޔުނިވާސިޓީތައް ހިންގުމަށް ޖާގަ ދޫކުރެވޭނެކަމަށެވެ. އަދި މިތަން ތަރައްގީ ކުރާނީ އުނގަންނައިދޭ އެކިއެކި އިންސްޓިޓިއުޓްތައް ހިމެނޭ ގޮތަށް ކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ. އަދި އެތަނުގައި ލެކްޗަ ހޯލްސްތަކާއި، ސްޓާފް ރޫމް، މީޓިންގ ރޫމް އަދި ލެބޯޓަރީތަކުގެ އިތުރުން މެނޭޖްމަންޓް އޮފީހެއް ހިމެނޭއިރު މީގެ އިތުރުން މި ނޮލެޖް ޕާކުގައި ސްޓޫޑެންޓް ހޮސްޓެލްތައްވެސް ހުންނާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
13. ނޫވެލި - އައިލެންޑް ރިޓްރީޓް (ގަލުފަޅު)
މިއީ، ތަރައްގީގެ ބިޔަ މަޝްރޫއެއްގެ ގޮތުން، ގަލުފަޅުގެ ފަޅުތެރޭގައި "ނޫވެލި" ގެ ނަމުގައި ލަގްޒަރީ ގެތަކެއް ތަރައްގީކުރުމުގެ މަޝްރޫއެކެވެ. މިތަނަކީ މާލެ އަދި ހުޅުމާލެއާ ވަރަށް ކައިރީގަ އޮންނަ ގަލުފަޅުގައި ތަރައްގީކުރާ ތަނެއްކަމުގައިވާއިރު އެޗްޑީސީއިން ބުނީ މާލެއާ 10 މިނެޓު ދުރުގައި އޮންނަ މިތަނުގައި ލެގޫން ވިއު ފެންނަ 31 ޔުނިޓާއި، ހޮރައިޒަން ވިއު ފެންނަ 31 ޔުނިޓު އަދި 39 ގެސްޓް ވިލާ ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ. މިތަނުގައި ވޯޓާ ސްޕޯޓްސް، ޑައިވް ސެންޓަރު، ރިކްރިއޭޝަނަލް ސްޕޭސެސް، ބޯލް ގޭމްސް އަދި ކޮމާޝަލް ޕްލާޒާ ހުންނާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން އިވެންޓު ސްޕޭސް ތަކާއި، ކޮންވެންޝަން ސެންޓަރާއި އެގްޒިބިޝަން ހޯލްސް އަދި ބެންކުއެޓް ހޯލްސް ހުންނާނެކަމަށް އެޗްޑީސީއިން ބުނެފައިވާއިރު މި ޕްރޮޖެކްޓުގެ ސަބަބުން ކައިރި މި ސަރަހައްދުގެ ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
14. ކިނާރިއާ- ޑެސްޓިނޭޝަން އައިލެންޑް (ކުޑަގިރި ފަޅު)
"ކިނާރިއާ" ޑެސްޓިނޭޝަން އައިލެންޑަކީ ޓޫރިޒަމާއި، މުނިފޫހި ފިލުވުމާއި، ކޭމްޕިންގ އަދި ހިތްހަމަޖައްސާލުމަށް ދިއުމަށް އެންމެ އެކަށީގެންވާ ގޮތަށް ތަރައްގީކުރާ އައިލެންޑެއްކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. ކުޑަގިރި ފަޅުގައި ތަރައްގީކުރާ މިތަނަށް، މާލެއިން ސްޕީޑް ބޯޓުގައި 15 މިނެޓުން ދެވޭއިރު މިތަން ތަރައްގީ ކުރާނީ އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެވެސް ގޮތުގައިކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން، ގެސްޓް ހައުސް ސްޓޭއާއި ސްޕާތައްވެސް މިތަނުގައި ތަރައްގީކުރެވިގެންދާއިރު މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މުނިފޫހި ފިލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގޭ މަޝްރޫއެއް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
15. ސްމާޓް ވެއާ ހައުސް ކޮމްޕްލެކްސް (ހުޅުމާލެ)
އެޗްޑީސީން ހުޅުމާލޭގައި މުޅިން އާ ސްމާޓް ވެއާ ހައުސް ކޮމްޕްލެކްސްއެއްވެސް ގާއިމްކުރުމަށް ނިންމާފައިވާއިރު ރައީސްގެ ވިޝަންއާ އެއްގޮތަށް ތަރައްގީކުރާ މިތަނަކީ ކޯލްޑް ސްޓޯރޭޖާއި، އެމްޕަލް ވެއާހައުސިންގް އަދި ލޯކަލް ވިޔަފާރިތަކަށް ސްޕާޓް ވެއާހައުސް ކޮމްޕްލެކްސް ހިމެނޭނެ ތަނެއްކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. މި ފެސިލިޓީގެ ސަބަބުން މުދާ ރައްކާކޮށް ބެލެހެއްޓުމުގެ ކުރުމުގެ ހަރަދު ކުޑަކުރެވި، ވިޔަފާރުތައް ބާރުވެރި ކުރުވޭނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
16. ސީނިކް ސިޓީ - ގަސް އިންދުމުގެ މަޝްރޫއު (ހުޅުމާލެ)
މިއީ، މި ދައުރުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ހިއްކާފައިވާ ރަށްތަކުގައި ގަސް އިންދުމުގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުތައް ތަރައްގީ ކުރާނެއެވެ. މީގެ އިތުރުން ހުޅުމާލޭގެ ރައްޔިތުން ހިތްފަސޭހަ ކޮށްލުމަށް އެއްވެ އުޅޭނެ ސަރަހައްދުތަކާއި ބެންޗުތައް ގާއިމްކުރެވޭނެއެވެ. އަދި މަގުގެ ދެފަރާތުގައި ހިޔާ ލިބޭ ގަސްތަކާއެކު ޖޮގިންނާއި ބައިސްކަލް ދުއްވާނެ ސަރަހައްދުތައް ހެދިގެންދާނެކަމަށް އެޗްޑީސީއިންވަނީ ބުނެފައެވެ. އިތުރަށް އެޗްޑީސީއިން ބުނީ މިއާއެކު ބެލުމުގެ ދަށުގައި އޮތް ރަށްތަކުގެ ފެހިކަން އިތުރުވެ، މަލަމަތި ރީތިވެ، ހުޅުމާލޭގެ ރައްޔިތުންނަށްވެސް ފެހިކަންގަދަ މާހައުލެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.