ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ތޯހާ، ސަރުކާރަށް ނޭނގި ތޯލިބާނުގެ މަންދޫބަކާ ބައްދަލުކުރުމުން ފިޔަވަޅު އަޅައިފިއެވެ.

ތޯލިބާނުގެ ސަރުދާރު އަހުމަދު ޝަކީބް އާއި ސަފީރު ތޯހާ ޕާކިސްތާނުގައި ބައްދަލުކުރައްވާ މަންޒަރުގެ ފޮޓޯތަކެއް ވަނީ ބައެއް މީޑިއާތަކުގައި ދައުރުވެފައެވެ.

މިކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ފޮރިން މިނިސްޓްރީ އިން ބުނީ ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ތޯލިބާނުންގެ ފަރާތުން ޕާކިސްތާނުގައި ހުންނަ މަންދޫބާ އެކު ބޭއްވި ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ނޫން ކަމަށެވެ.

މި ކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އަދި ދިވެހިރާއްޖެ އިން ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލެއް އުފެދޭ ހާލަތެއްގައި އަބަދުވެސް ބަލަނީ އދ އިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އުސޫލުތަކަށް ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީ އިން އިތުރަށް ބުނީ އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އދ ގައި އަފްގާނިސްތާނު ތަމްސީލުކުރާ ފަރާތަކީ އަފްގާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަންނަ ފަރާތް ކަމުގައެވެ.