އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ދަށުން، ރާއްޖޭގެ 3 ރަށެއްގެ ފިޓްނަސް އަދި ރިކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.

މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މި މަޝްރޫއު ތަންފީޒުކުރާ އިދާރާގެ ފަރާތުން ސޮއިކުރެއްވީ ޔޫތް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، މިއީ ރަށްރަށުގެ މުޖުތަމައުތަކަށް ފިޓްނަސް އަދި ކުޅިވަރުގެ ވަސީލަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމާއެކު، ހަމަހަމަކަމާއެކު ތަރައްގީ ގެނެސްދިނުމަށް ކަމަށެވެ. އަދި މިއަހަރުގެ ޖުލައި މަހު ސޮއިކުރި 42 ރަށެއްގައި މިހާރުވެސް ތަންފީޒުވަމުންދާ މަޝްރޫއުގެ އިތުރުން، މި އެއްބަސްވުމުގެ ސަބަބުން އިތުރު ރަށް ރަށަށް މި އެހީތެރިކަން ފުޅާވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިންޑިއާގެ އެހީގައި 3 ރަށެއްގެ ފިޓްނަސް ސެންޓަރަށް ބޭނުންވާ ސާމާނު ހޯދަން އެއްބަސްވުމުގައި ސޮއިކުރަނީ

މީގެ އިތުރުން ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، މި ފިޓްނަސް އަދި ރިކްރިއޭޝަން ސެންޓަރުތަކުގެ ސަބަބުން ކަސްރަތު ކުރުމަށާއި، ހިތްހަމަޖައްސާލުމަށާއި، އަދި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ފަސޭހަ މާހައުލެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރެއްގެ މީހުންނަށް، ވަކިން ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މުޖުތަމައުތަކުގެ ތަރައްގީއަށް އިންޑިއާ ސަރުކާރުން މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ދެ ވަޒީރުންވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ މަސައްކަތްތަކަށްޓަކައި އިންޑިއާގެ ރައްޔިތުންނަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރަށާއި، ހައިކޮމިޝަނަރު ބާލަސުބްރަމާނިއަން އަދި އެމަނިކުފާނުގެ ޓީމަށް ފޮރިން މިނިސްޓަރު އިރުތިޝާމް ވަނީ ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.