ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަތީ ފަންތީގެ ހޮޓެލް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

މި ހޮޓެލް ތަރައްގީކުރަން ނިންމާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން އާބަން އައިލްގައެވެ. މިކަމާ ގުޅިގެން އެޗްޑީސީ އިން ބުނީ އެ މަޝްރޫ ދޫކުރުމުގައި އިސްކަންދޭނީ ލޭންޑް ލީސް މޮޑެލްއަށް ކަމަށާއި ނަމަވެސް އެހެން މޮޑެލް ތަކަށްވެސް އީއޯއައި ހުށަހެޅިދާނެ ކަމަށެވެ.

އެޗްޑީސީ އިން ބުނީ އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫ ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށްކަމަށާއި، އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާ ކަންކަމުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ ތަޖުރިބާ ހިމެނޭ ކަމަށެވެ.

އެހެންކަމުން ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހު 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް އީއޯއައި ހުށަހެޅުމަށް އެޗްޑީސީ އިން ވަނީ އެދިފައެވެ. މީގެއިތުރުން އެޗްޑީސީ އިން ބުނީ މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުންވެސް ލިބެން ހުންނާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަން ނިންމާފައިވާ މި ހޮޓެލް ތަކަކީ ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކުރާ ހޮޓެލްތަކެކެވެ.