ހުޅުމާލެ ފޭސް 3 ގައި ގަވައިދާ ހިލާފަށް ބަަހައްޓާފައި ހުރި ތަކެތި ނަގަން ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ފޭސް 2 އަދި 3 ގެ ހުސްބިން ތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް މި އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހު އެންގިފައިވާ ކަމަށާއި ނަމަވެސް ގިނަ ފަރާތްތަކުން އެކަމަށް އިޖާބަ ދީފައިނުވާ ކަމަށެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލެ ފޭސް 3 ގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް މުދަލާއި ތަކެތި ބަހައްޓާ ބައެއް ފަރާތްތަކުން އަދިވެސް އެ ބިންތައް ބޭނުންކުރާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެޗްޑީސީ އިން ވަނީ ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން ނެގުމަށް އަންގާފައެވެ. އެ މުއްދަތުގެ ތެރޭގައި މި ތަކެތި ނުނަގައިފި ނަމަ އެއީ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލާ އެފަދަ ތަކެއްޗާ މެދު އަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ މަތިން އަމަލު ކުރާނެ ކަމަށް ވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

މީގެއިތުރުން އެ މަސައްކަތުގެ ތެރޭގައި މުދަލަށް ނުވަތަ ތަކެއްޗަށް ލިބިދާނެ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް ވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.