އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު ކުޅޭ މެޗުތައް ނިމުނު އިރު މިރޭ ބޯންމޮތު ބަލިކުރި ލިވަޕޫލް ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި އެޓީމުން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-0 އިންނެވެ. މިމެޗުގައި ޖެހި ތިން ލަނޑު ވެސް ލިވަޕޫލުން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފްގައެވެ.
މީގެ ތެރެއިން ދެ ލަނޑު ޖެހީ ކޮލަމްބިއާގެ ވިންގަރު ލުއިސް ޑިއޭޒްއެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އުރުގުއޭގެ ފޯވަޑް ޑާވިން ނުނޭޒްއެވެ. މިއީ ނުނޭޒް މި ސީޒަންގައި ޖެހި ފުރަތަމަ ލަނޑުވެސްމެއެވެ.
މި ނަތީޖާއާއެކު ލިވަޕޫލު މިވަނީ ކުޅުނު 5 މެޗުން 12 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައަށް އަރާފައެވެ.
މިރޭގެ އެހެން ނަތީޖާތަކަށް ބަލާ އިރު ޗެލްސީ ވަނީ 3-0 އިން ވެސްޓް ހޭމް ބަލިކޮށްފައެވެ. މި މެޗުގައި ޗެލްސީގެ ފޯވަޑް ނިކޮލަސް ޖެކްސަން ވަނީ ދެލަނޑު ޖަހާފައެވެ. އަދި ޗެލްސީގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އިންގްލޭންޑްގެ މިޑްފީލްޑަރު ކޯލް ޕާމާއެވެ.
އެސްޓަން ވިލާ ވެސް މިރޭ ވަނީ ރަނގަޅު ނަތީޖާއެއް ނެރެފައެވެ. މިގޮތުން އެޓީމުން ވަނީ 3-1 އިން ވުލްވްސް ބަލިކޮށްފައެވެ.
މިރޭގެ އެންމެ ފަހު މެޗުގައި ކްރިސްޓަލް ޕެލަސްއާ މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި އެމެޗު ނިމުނީ ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ 11 ވަނައިގައެވެ.