ދިވެހިރާއްޖޭގެ އެންމެ އުތުރުގެ އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް" މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ސަރުކާރާއި، އެސްޓީއޯ އަދި އަބޫދާބީގެ ސާ ގްރޫޕާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސް ޝިޕްމަންޓްގެ ހިދުމަތް ހިމެނޭގޮތަށް ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސް އަދި އިގުތިސާދީ މައި މަރުކަޒެއް ގާއިމުކުރުމަށް ދެކެމުން އައި ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިގުތިސާދީ ތަރައްގީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ. އެސްޓީއޯގެ ފަރާތުން މެނޭޖިންގް ޑިރެކްޓާ އަދި ސީއީއޯ ޝިމާދު އިބްރާހީމް ސޮއިކުރެއްވި އިރު، ސާ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ސީއީއޯ އަހުމަދު އިބްރާހީމް އެވެ.
އަބޫދާބީގެ ސާ ގްރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، ހަކަތަ އަދި ލޮޖިސްޓިކްސް ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ބަނދަރަކާއި ގުޅުންހުރި މުހިންމު ހުރިހާ ވަސީލަތްތަކެއް އެކުލެވޭ ފުރިހަމަ ތަރައްގީއެއް ގެނައުމަށް ވަނީ ރޭވިފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އަދި "ވިޝަން 2040" ގެ ދަށުން ކުރިއަށް ގެންދާ ދުރު ރާސްތާ މަސައްކަތެކެވެ. ކުރިއަށް އޮތް 15 އަހަރުގެ ތެރޭގައި ތަފާތު ދާއިރާތަކުން ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރާވާފައިވާއިރު، އޭގެ ތެރޭގައި މައިގަނޑު ސިނާއަތްތައް ފުޅާކުރުމާއި، އުމްރާނީ ވަސީލަތްތައް ގާއިމުކުރުމާއި، ތައުލީމީ އަދި ސިއްހީ ދާއިރާ ހަރުދަނާކުރުން ހިމެނެއެވެ. އަދި ތިމާވެށި ހިމާޔަތްކުރުމާއެކު ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމުތައް އެކުލަވާލުންވެސް ހިމެނެއެވެ.
މީގެ އިތުރުން ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމާއި، މަސްވެރިކަމުގެ އައު އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް ތައާރަފުކުރުމާއި، ވައިގެ ބަނދަރުތައް އިތުރަށް ތަރައްގީކުރުން މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫއާއެކު ރާއްޖެއަކީ އިގުތިސާދީ ގޮތުން ފުދުންތެރި، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގައުމަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބަޔާންކުރެއެވެ.
