ނ. މާފަރުގައި އަލަށް އިމާރާތްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

މި ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އާއި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދެވެ.

މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، ފުލުހުންގެ އިސް އޮފިސަރުންނާއި، މާފަރު ކައުންސިލްގެ މެންބަރުންގެ އިތުރުން އެ ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ބިންގާ އަޅާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުކަމަށެވެ. ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ މި އާ މަރުކަޒުގައި ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، އިދާރީ އޮފީސް ބަޔަކާއި، ކަސްޓޯޑިއަލް ހިދުމަތްތަކުގެ އިތުރުން ފުލުހުންނަށް ބޭނުންވާނެ އެހެނިހެން އާންމު ވަސީލަތްތައް ގާއިމުކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ މި އާ ޕޮލިސް ސްޓޭޝަނަކީ މާފަރުގައި ދެމުންގެންދާ ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށާއި، މުޖުތަމައާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ.

ނ. މާފަރަކީ ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް އޮންނަ، އަދި އިގުތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ހަލުވިމިނެއްގައި ތަރައްގީވަމުން އަންނަ ރަށެއްކަން ފާހަގަކޮށް ފުލުހުން ބުނީ އެ ރަށުގައި ޒަމާނީ ފެންވަރުގެ ފުލުހުންގެ ހިދުމަތެއް ގާއިމުވެގެންދިއުމަކީ ރަށުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފުޅާކޮށް، ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ނިންމާލެވުނު މުހިންމު މަސައްކަތެއްކަމަށް ވެސް ވަނީ ބުނެފައެވެ.