މި ސީޒަންގެ އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލު ރޭ ބްރައިޓަން އަތުން ބަލިވެއްޖެއެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 3-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. ލިވަޕޫލުގެ ކަނާތް ފަރާތުން އުފެއްދި ރީތި ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ހާވީ އެލިއެޓްއެވެ.
ލިވަޕޫލުގެ ލަނޑަށް ފަހު ބްރައިޓަންއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އަދި ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފްގެ މެދު ތެރެއިން ލަނޑެއް ޖަހާ އެއްވަރު ކުރިއެވެ.
މިލަނޑު ބްރައިޓަންއަށް ޖަހާ ދިނީ ޔާސިން އަޔާރީއެވެ. މިއީ އޭނާ އެޓީމަށް ޖަހާ ދިން ފުރަތަމަ ލަނޑެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލުން އަނެއްކާވެސް ލަނޑެއް ޖަހާ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ މިޑްފީލްޑަރު ޑޮމިނިކް ސަބޮސްލާއީއެވެ.
މެޗުގެ ފުރަތަމަ ހާފް ލިވަޕޫލުން ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފް ފެށިގެން ދިޔައީ ބްރައިޓަންގެ ގިނަ ހަމަލާތަކާއެކުއެވެ. ލިވަޕޫލުގެ ކީޕަރު އެލިސަންގެ ހުޝިޔާރު ސޭވްތަކެއް ވެސް ފެނިގެން ދިޔަ އިރު އެޓީމުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ހާއްސަކޮށް މި ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހްއަށް ލިބުނު ހުސް ދެ ފުރުސަތު ފާހަގަކޮށްލަން ޖެހެއެވެ.
މެޗުގައި ދެން ފެނުނު ދެ ލަނޑު ވެސް ޖެހީ ބްރައިޓަންއިންނެވެ. މިގޮތުން ދެވަނަ ހާފްގައި ކުޅެން ނިކުތް މިޓޯމާ މެޗުގެ 69 ވަނަ މިނެޓްގައި ޖަހާ ދިން ލަނޑާއެކު ނަތީޖާ 2-2 އަށް ވީ އިރު ބްރައިޓަން މޮޅުކޮށްދިން ލަނޑު ޖަހާ ދިނީ މެޗުގެ 85 ވަނަ މިނެޓްގައި ހެންޝަލްވުޑްއެވެ.
މި ނަތީޖާއާއެކު ބްރައިޓަންއަށް އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތެއްގައި ކުޅެން ލިބޭނެ ކަމުގެ އުއްމީދު މިވަނީ އާވެފައެވެ. އަނެއްކޮޅުން މިއީ ޗެމްޕިއަން ލިވަޕޫލު މި ސީޒަންގައި މެޗަކުން ބަލިވި ހަތަރު ވަނަ ފަހަރެވެ. ލީގުގައި ބާކީ ހަތަރު މެޗަށް ވެފައި އޮއްވާ ޗެމްޕިއަންކަން ކަށަވަރު ކުރި ލިވަޕޫލު އެންމެ ފަހުން ކުޅުނު ތިން މެޗުން 9 ޕޮއިންޓްގެ ތެރެއިން ހޯދިފައިވަނީ އެންމެ ޕޮއިންޓެކެވެ.