އިންގްލިޝް ޕްރިމިއާ ލީގު ސީޒަން ރޭ ނިންމާލި އިރު މި ސީޒަންގައި އެންމެ ގިނަ ގޯލު ޖަހާ އަދި އެންމެ ގިނަ ގޯލު އުފެއްދި ކުޅުންތެރިޔާގެ އެވޯޑް ޗެމްޕިއަން ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް ހޯދައިފިއެވެ.
މިއީ މި ދެ އެވޯޑް ސަލާހަށް ލިބުނު ދެވަނަ ފަހަރެވެ. ސަލާހަކީ މި ދެ އެވޯޑް އެއް ސީޒަނެއްގައި ދެފަހަރު ހޯދި ޕްރިމިއާ ލީގުގެ ހަމައެކަނި ކުޅުންތެރިޔާއެވެ.
އެއް ސީޒަނަށް ވުރެ ގިނަ ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހުމުން ދޭ އެވޯޑާ އެންމެ ގިނަ ލަނޑު އުފެއްދި ކުޅުންތެރިޔާގެ އެވޯޑް މީގެ ކުރިން ހާސިލްކޮށްފައިވާ ހަމައެކަނި ކުޅުންތެރިޔާއަކީ ބާސަލޯނާގެ ލެޖެންޑް ލައިނަލް މެސީއެވެ.
ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު ލިވަޕޫލަށް އެއްވަރުކޮށް ދިން ލަނޑު ޖަހާ ދިނީ ސަލާހުއެވެ. މިއީ މިސީޒަންގައި ސަލާހް ލީގުގައި ލިވަޕޫލަށް ޖަހާ ދިން 29 ވަނަ ލަނޑެވެ. މި ސީޒަންގައި އޭނާގެ ފަރާތުން 18 އެސިސްޓް ފެނިގެން ދިޔަ އިރު ސަލާހް މިވަނީ މީގެ ކުރިން ހަދާފައިވާ ރިކޯޑަކާ އެއްވަރުކޮށްފައެވެ.
އެއީ ޕްރްމިއާ ލީގުގެ ސީޒަނެއްގައި އެއް ކުޅުންތެރިއަކު އެންމެ ގިނައިން ލަނޑު ޖަހާ ލަނޑު އުފެއްދުމުގެ ރިކޯޑެވެ. މި ރިކޯޑް އިއްޔެއާ ހަަމައަށް އޮތީ އިނގިރޭސިވިލާތުގެ ކުރީގެ ކުޅުންތެރިން ކަމަށްވާ އެލަން ޝިއަރާ އަދި އޭންޑީ ކޯލްގެ އަތުގައެވެ. ޕެލަސްކޮޅަށް ޖެހި ލަނޑާއެކު ސަލާހް ވެސް މިވަނީ މި ލިސްޓަށް އިތުރުވެފައެވެ.
ސަލާހް އަކީ މި ސީޒަންގެ ޕްރިިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވީ އިރު މިއަހަރުގެ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވެސް އެންމެ ގާތުން ވާދަ ކުރާނެ އެއް ކުޅުންތެރިއަކީ ސަލާހް ކަމަށް ބެލެވެއެވެ.