ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް ޕްރޮމޯޝަން ކަމަށްވާ "އެސްޓީއޯ ރަމަޒާން ބާޒާރު 2027" ރަސްމީކޮށް ފަށައިފިއެވެ.

ހިޖުރީ ގޮތުން 1448 ވަނަ އަހަރުގެ ރޯދަމަހާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަން ރަސްމީކޮށް ފައްޓަވައިދެއްވީ، 16 ނޮވެމްބަރ 2026 ވީ ހޯމަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ހުސައިން ޝާމް އާދަމެވެ.

މިކަމާ ގުޅިގެން އެސްޓީއޯއިން ބުނީ މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ 16 ނޮވެމްބަރ 2026 އިން ފެށިގެން 10 މާރިޗު 2027 ގެ ނިޔަލަށްކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން، ހާއްސަ ކުރެވިފައިވާ ގިނަ އުފެއްދުންތަކަކުން 50 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެކަމަށް ވަނީ ބުނެފައެވެ.

އެސްޓީއޯއިން އިތުރަށް ބުނީ ޕްރޮމޯޝަން ނިމުމުން، މުއްދަތުގެ ތެރޭގައި ވިޔަފާރިކޮށްގެން ލަކީޑްރޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެކަމަށެވެ.

މީގެއިތުރުން ކޮންމެ 2 ހަފުތާއަކު، 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން 2 ނަސީބުވެރިއަކަށް 2،500 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބިގެންދާނެކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި 5،000 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް، ހާއްސަ ހަދިޔާ ގުޅިއަކުން ހަދިޔާއެއް ހޯދުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަން ފެށުމުގެ ރަސްމިއްޔާތާ ގުޅިގެން، އެސްޓީއޯގެ ފުރަތަމަ ފަންގިފިލާގައި ހުޅުވުމަށް ތައްޔާރުވަމުން ދިޔަ މަޝްހޫރު ފްރެންޗައިޒެއް ކަމަށްވާ "ކޮފީ ބީންސް އެންޑް ޓީލީވްސް" ގެ އައުޓްލެޓް ވަނީ ރަސްމީކޮށް އާންމުންނަށް ހުޅުވާލާފައެވެ.

ހުޅުމާލޭގައި ފުރަތަމަ އައުޓްލެޓް ހުޅުވާފައިވާއިރު، މިއީ މާލޭގައި ހުޅުވުނު މި ފްރެންޗައިޒްގެ ފުރަތަމަ އައުޓްލެޓްކަމަށް އެސްޓީއޯއިން ބުނެއެވެ. މީގެ އިތުރުން، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިތުރަށް ބޮޑުކޮށް ފުޅާކޮށް، އެ ސަރަހައްދު ވެސް މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައިކަމަށް ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަނަކީ ކޮންމެ އަހަރަކުވެސް އާންމުންގެ ގެތަކަށް ބޭނުންވާ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއްކަމަށާއި، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ، ހުޅުމާލެ އަދި ރީޖަނަލް އައުޓްލެޓްތަކުގައި ވެސް މި ޕްރޮމޯޝަން ކުރިއަށްދާނެކަމަށެވެ.