އިންގްލިޝް ޕްރިމިއާ ލީގުގެ މި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޗެމްޕިއަން ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް ހޮވިއްޖެއެވެ.
މިއީ 32 އަހަރުގެ ސަލާހް 2017 ވަނަ އަހަރު ލިވަޕޫލާ ގުޅުނު ފަހުން މި އެވޯޑް ހާސިލް ކުރި ދެވަނަ ފަހަރެވެ. އެންމެ ފަހުން އޭނާއަށް މި އެވޯޑް ލިބިފައިވަނީ 2017-2018 ވަނަ ސީޒަންގައެވެ.
ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާ ހޮވަނީ ސަޕޯޓަރުންނާއި ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ ފަރާތުން ދޭ ވޯޓުންނެވެ.
ލިވަޕޫލްގައި އިތުރުު 2 އަހަރު މަޑުކުރަން މިހާރު ނިންމާ އާ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ ސަލާހް އަކީ މިވަގުތު މި ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. މިގޮތުން، ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އެންމެ މެޗެއް އޮތް އިރު ސަލާހް ވަނީ 37 މެޗުގެ ތެރޭގައި 28 ގޯލު ޖަހާފައެވެ. އަދި މި ސީޒަންގައި މިހާތަނަށް ސަލާހް ވަނީ 18 އެސިސްޓް ވެސް ހަދާފައެވެ.
ލީގުގައި މިހާތަނަށް ކުޅުންތެރިއަކަށް ހެދިފައިވަނީ 20 އެސިސްޓެވެ. މި ރިކޯޑް އަދި އޮތީ އާސަނަލް ލެޖެންޑް ތިއަރީ އޮންރީ އަދި ސިޓީގެ ކެޕްޓަން ކެވިން ޑެ ބްރައިނާގެ އަތުގައެވެ. އާދިއްތަ ދުވަހު ކުޅޭ ލީގުގެ ފަހު މެޗުގައި ސަލާހުއަށް މި ރިކޯޑާއާ ހަމަކުރުމުގެ ފުރުސަތު އެބައޮތެވެ.
މި ހަފްތާގައި މިސްރަށް ނިސްބަތްވާ ސަލާހަށް ވަނީ ފުޓްބޯލް ރައިޓާސް އެވޯޑް ވެސް ލިބިފައެވެ. މިއީ އޭނާ މި އެވޯޑް ހާސިލް ކުރި ތިން ވަނަ ފަހަރެވެ.
މި ސީޒަންގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ލިވަޕޫލްގެ މިޑްފީލްޑަރު ރަޔަން ގްރެވަންބާޗް އަށެވެ.