ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ރެސިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ބުކިން ފީ ދެއްކުމުގައި ސަމާލުވާން ޖެހޭ ކަންކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހިއްސާ ކޮށްފިއެވެ.
އެޗްޑީސީ އިން ބުނީ، ދިރިއުޅުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުން ވިޔަފާރި އުސޫލުން ތަރައްގީ ކުރަމުން އަންނަ މިޑް ރޭންޖް އަދި ލަކްޒަރީ ހައުސިން މަޝްރޫއުތަކުން އެޕާޓްމަންޓްތައް ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދަނީ އެ ޕްރޮޖެކްޓެއް ކުރިއަށް ގެންދާ ފަރާތާއި އެޕާޓްމަންޓް ގަންނަ ފަރާތާ އެއްބަސްވާ ގޮތެއްގެ މަތިން ކަމަށެވެ. ނަމަވެސް އެޕާޓްމަންޓް ގަތުމުގެ ފައިސާގެ މުއާމަލާތް ކުރިއަށް ގެންދަން ވާނީ އިމާރާތް ކުރާ ފަރާތާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ވިއްކަން ފެށުމުގެ ކުރިން ބުކިން ފީގެ ގޮތުގައި ގިނަވެގެން 50،000 ރުފިޔާގެ ރިފަންޑަބަލް ފީއެއް ނެގުމުގެ ހުއްދަ ޑިވެލޮޕަރަށް ލިބިގެންވާ ކަމަށް އެޗްޑީސީ އިން ބުނެއެވެ. މިއީ އެ އ÷ާތްމަންޓް ގަންނަ ޖުމްލަ އަގުން އުނި ކުރެވޭ ގޮތަށް ނަގާ ފައިސާއެއް ކަމަށް ވެސް އެޗްޑީސީ އިން ބުނެއެވެ.
އެޕާޓްމަންޓް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ ސިވިލް މަސައްކަތުގެ 20 ޕަސެންޓް ނިމުމުން ކަމަށާއި އަދި އެކަމަށް އެޗްޑީސީ އިން ނަގަން ޖެހޭ ހުއްދަ ވެސް ނެގުމަށް ފަހުގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެހެންކަމުން އެޕާޓްމަންޓް ވިއްކުމުގެ ހުއްދަ ލިބުމުގެ ކުރިން ބުކިން ފީގެ އިތުރުން އެއްވެސް ފައިސާއެއް ކަސްޓަމަރުންގެ އަތުން ނުނެގޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
އަސޭރިއާ ޕްރޮޖެކްޓް ފިޔަވައި ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ހުރިހާ ރެސިޑެންޝަލް އިމާރާތެއް ވިއްކުމުގައި ވެސް އަމަލު ކުރާނީ މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށާއި އަސޭރިއާ ޕްރޮޖެކްޓްގެ އެޕާޓްމަންޓް ތަކަށް ބުކިން ފީއެއްގެ ގޮތުގައި އެއް މިލިއަން ރުފިޔާ ނެގުމުގެ ހުއްދަ ޑިވެލޮޕަރަށް ލިބިގެންވާ ކަމަށް ކަމަށް އެޗްޑީސީ އިން ބުނެއެވެ. ނަމަވެސް އެޕާޓްމަންޓް ނުގަނެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ބުކިން ފީަށް ދެއްކި އެއް މިލިއަން ރުފިޔާއިން 50،000 ރުފިޔާ އުނިކުރުމަށް ފަހު އަނބުރާ ދެވޭނީ 950،000 ރުފިޔާ ކަަމަށް އެޗްޑީސީ އިން ބުނެއެވެ.
އަސޭރިއާ ޕްރޮޖެކްޓުގެ އިމާރާތުގެ ސިވިލް މަސައްކަތުގެ 20 ޕަސެންޓް ނުނިމެނީސް ބުކިން ފީ ނެގޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ. އެއީ އެ ކޯޕަރޭޝަނާއި ޑިވެލޮޕަރާއެކު ހަދާފައިވާ އެސްކްރޯ އެކައުންޓަކަށް ފައިސާ ޖަމާކުރާ ގޮތަށް ކަމަށް ވެސް އެޗްޑީސީ އިން ބުނެއެވެ.
ވީމާ ހުޅުމާލޭގައި ތަރައްގީ ކުރާ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާތްމަންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ފައިސާގެ މުއާމަލާތް ކުރުމުގައި މިކަންކަމަށް ސަމާލުކަން ދިނުމަށް އެޗްޑީސީ އިން އިލްތިމާސްކުރެއެވެ.