ހަސަން ސަމާހުގެ މަރާ ގުޅިގެން ވެސް 'ބޮޑު 5' ދުވުން ހުއްޓާނުލާ ކުރިއަށް ގެންދިއުމުން ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އަށް ބޮޑެތި ފާޑުކިއުންތައް މީސްމީޑިއާގައި އަމާޒުވެއްޖެއެވެ.

އުމުރުން 23 އަހަރުގެ ސަމާހު ނިޔާވީ އޭނާ ރޭ މެންދަމު ދުއްވާފައި ދިޔަ ސައިކަލު، ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއްގައި ޖެހި ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އެ މައްސަލައާ ގުޅިގެން:

މި ހާދިސާގައި އާންމުންގެ ލޯ އަމާޒުވީ ޓީއެފްޖީން މިއަދު ހެނދުނު ބޭއްވި 'ބޮޑު 5' ދުވުމުގެ އިވެންޓަށެވެ. ޖުމްލަ 36.1 ކިލޯމީޓަރު އެކުލެވޭ މި ދުވުން ތިން ބަޔަކަށް ބަހާލާފައިވެއެވެ. އެއީ ހާފް މެރަތަން (21.1 ކިލޯމީޓަރު)ގެ ބަޔާއި 10 ކިލޯމީޓަރުގެ ބަޔާއި ފަސް ކިލޯމީޓަރުގެ ބައެވެ. ސަމާހު ސައިކަލުގައި ރޭ ދިޔައީ މި ދުވުމުގައި ބައިވެރިވުމަށެވެ.

އާންމުން އެންމެ ބޮޑަށް ނުރުހުނީ ސަމާހު ނިޔާވެފައި އޮއްވާ ވެސް ޓީއެފްޖީން މި ދުވުން ހުއްޓާނުލައި ކުރިއަށް ގެންދިއުމާ ގުޅިގެންނެވެ. އެގޮތުން ސަމާހުގެ މަރާ ގުޅިގެން މިއަދު މެންދުރު ޓީއެފްޖީން ފޭސްބުކްގައި ކުރި ޕޯސްޓުގެ ދަށުގައި ކޮމެންޓްކުރި ބައެއް މީހުން ބުނީ، ސަމާހު މިފަދަ ހާދިސާއެއްގައި ނިޔާވުމަކީ ދުވުން ހުއްޓާލަން ޖެހޭ ކަހަލަ ކަމެއް ކަމަށާއި، ނަމަވެސް ޓީއެފްޖީން ދުވުން ހުއްޓާލަން ނުކުރެނު ކަމަށެވެ.

https://www.facebook.com/share/p/7F2PeY1aJohHCUeT/

އިތުރު އެހެން މީހަކު ބުނީ، މިއީ ސަމާހުގެ މަރާ ގުޅިގެން ހިތާމަކުރަމުންދާ ފަރާތްތަކުގެ މޫނުމަތީ އެޅި ބޮޑު އެތިފަހަރެއް ކަމަށެވެ.

އާންމުންގެ ފާޑުކިއުންތަކާ ހުރެ ޓީއެފްޖީގެ ޕޯސްޓަށް ކޮމެންޓްނުކުރެވޭ ގޮތް ހެދި ނަމަވެސް، ގިނަ ބަޔަކު ޓީއެފްޖީގެ ޕޯސްޓު ޝެއާކޮށް ހުއްޓުމެއް ނެތި ފާޑުކިޔާފައިވެއެވެ. ޕޯސްޓް ޝެއާކުރި ބައެއް މީހުން ވަނީ ޓީއެފްޖީން 'ބޮޑު 5' ދުވުން ކުރިއަށް ގެންގޮސްފައިވާތީ ޓީއެފްޖީ ބޯއިކޮޓްކުރުމަށް ވެސް ގޮވާލައިފައެވެ.

https://www.facebook.com/share/p/7F2PeY1aJohHCUeT/

"އޭނާ (ސަމާހު) ދިޔައީ ދުވުމުގެ އެހެން ބައިވެރިން ދުވުން އޮންނަ ތަނަށް ގެންދިއުމަށް އެހީތެރިކަން ދެމުން، އެވަރުން ވެސް އޭނާގެ ފުރާނަ ގެއްލުމުން ދުވުން ކުރިއަށް ދިޔަ،" 'ޝިމްހާޒް ވާފިރު'ގެ ނަމުގައި މީހަކު ފޭސްބުކްގައި ލިޔެފައިވެއެވެ.

މިކަމާ ގުޅިގެން ޓީއެފްޖީން އަދި އިތުރު ބަހެއް ބުނެފައެއް ނުވެއެވެ.