ގަވައިދުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބާރަށް އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި ރައީސް ވަނީ، ބާރު ސްޕީޑްގައި އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތައް ހުއްޓުވުމަކީ ހުރިހާ އެންމެންގެ ޒިންމާއެއްކަން ހަނދާންކޮށްދެއްވައި، މަގުތަކަކީ އެންމެންނަށް އަމާން ތަންތަނުގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

"މިގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރުވާނީ އަންގާފައި،" އެމަނިކުފާނު ލިޔުއްވާފައިވެއެވެ.

ރައީސް މިފަދައިން 'އެކްސް'ގައި ޕޯސްޓެއް ލިޔުއްވާފައި ވަނީ ބާރު ސްޕީޑްގައި ދުއްވި ކާރެއްގައި ޖެހި، އުމުރުން 23 އަހަރުގެ ހަސަން ސަމާހު ނިޔާވި ހާދިސާ އާ ގުޅިގެންނެވެ. ރޭ މެންދަމުގެ ވަގުތެއްގައި ސަމާހު ނިޔާވީ، މިއަދު ހެނދުނު ހުޅުމާލޭގައި ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ބޭއްވި 'ބޮޑު 5' ދުވުމުގައި ބައިވެރިވުމަށް ސައިކަލުގައި ދިޔަ ވަގުތުގައެވެ.

ރައީސްގެ ޕޯސްޓުގައި ސަމާހުގެ އާއިލާ އަށް ތައުޒިޔާ ދަންނަވާފައިވެއެވެ.

މި ހާދިސާ އާ ގުޅިގެން ފުލުހުން ވަނީ އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިދުގީ، ވައިލެޓްފެހި / އައްޑޫ ހިތަދޫ ހައްޔަރުކޮށްފައެވެ.