ރޭ މެންދަމު ހުޅުމާލޭގައި ބާރު ދުވެއްޔެއްގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި ހިނގި ހާދިސާ އާ ގުޅިގެން ހައްޔަރުކުރި މުހައްމަދު ވިސާމް ސިދުގީ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ބާރު ސްޕީޑްގައި ދުއްވި ކާރެއްގައި ޖެހި ރޭ މެންދަމު ހިނގި ހާދިސާގައި، އުމުރުން 23 އަހަރުގެ ހަސަން ސަމާހަށް ހާނިއްކަވުމުގެ ސަބަބުން އިތުރު ފަރުވާ އަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ. މި ހާދިސާ އާ ގުޅިގެން ފުލުހުން ވަނީ ކާރު ދުއްވަން އިން ވިސާމް ހައްޔަރުކޮށްފައެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ވިސާމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި ހާދިސާ އާ ގުޅިގެން މިއަދު 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ކަނޑައެޅިފައިވާ ލިމިޓަށް ވުރެ ބާރަށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކޮށް ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވައިފައެވެ.