ގައުމުގެ މުސްތަގުބަލާއި އިސްތިގުލާލަށްޓަކައި ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ރިޔާސީ ދެވަނަ ދައުރެއް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީ އާއި އަދާލަތު ޕާޓީއާ ދެމެދު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. މި ކޯލިޝަން އެއްބަސްވުމުގެ ދަށުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ވެރިކަމުގެ ބާކީ އޮތް މުއްދަތުގައި އެމަނިކުފާނަށާ، ސަރުކާރަށް އެއްބާރުލުން ދިނުމަށާ، 2028 ގެ ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ވަނީ ނިންމާފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ގައުމުގެ މުސްތަގުބަލާއި އިސްތިގުލާލަށްޓަކައި ހާރިޖީ ގުޅުންތައް ހަރުދަނާކޮށް، ދާހިލީ ހަމަޖެހުން ގާއިމުކޮށްދެއްވަމުން ގެންދަވާތީ، ޒުވާނުންނާއި ހަރުމީހުން އަދި މުޅި ދިވެހި ގައުމަށްޓަކައި އޮތް ފުރުސަތަކީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުން ކަމަށެވެ. އަދި މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ރިޔާސީ ދެވަނަ ދައުރެއް ކަށަވަރުކުރައްވާ ބޭފުޅަކީ ރައީސް މުއިއްޒުއަށް ހެދުމަކީ މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ހުއްޓިގެން ތިބެވޭކަށް ނެތްކަމަށާ އަދި އަމިއްލަ އެދުމަށް އިސްކަންދީގެން، ގައުމީ މަސްލަހަތު ފަހަތަށް ޖައްސާލައިގެން ބޭކާރު ވަގުތުތައް ހޭދަކުރެވެން ނެތްކަމަށެވެ. "އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންނާ ހަވާލުވެފައި އޮތް ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން. އަޅުގަނޑުމެންނާ މަތިވެފައި އޮތް މަސްއޫލިއްޔަތަށް ރައްކާތެރިވާން. އަމާނާތަށް ތެދުވެރިވާން" އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝައިހް މުހައްމަދު ޝިފާން ވިދާޅުވީ، ސަރުކާރާ އެކު މަސައްކަތްކުރަން ނިންމީ އިސްލާމްދީނުގެ ކަންކަން ހަރުދަނާކޮށް، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވާގިވެރިވުމުގެ ގޮތުން ކަމަށެވެ.