ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯން ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާ އެއްބާރުލުމާއެކު ކުރިޔަށްދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީ އިން ބުނީ، ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ޕާކު ކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނަގައި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ސަރަހައްދުގެ މަގުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް މި މަހުގެ 29 ވަނަ ދުވަހުގެ ރޭގެ 11 ގެ ކުރިން ނަގަން އަންގާ ޕާކިން ހުސްކުރުމަށް ބޭނުންވާ މަގުތަކުގެ ޗާޓެއް ފުލުހުން ވަނީ މީގެ ކުރިން ހިއްސާ ކޮށްފައެވެ.

ފުލުހުން ބުނީ ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނު ހިނެމޭ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން އެންގީ ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ކަމަށެވެ. އަދި މިގޮތަށް އަނަގާފައި ވަނީ އެޗްޑީށީން އަންގައިގެން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން މާލޭގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިހުރި އުޅަނދުފަހަރު ގަވައިދަށް ފެއްތުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓްރީ ނުކޮށް ބަންޑާރަ މަގުތަކުގައި ދުއްވާ އަދި ޕާކުކުރާ އުޅަނދުތަކާއި އެހެން ޒޯން ތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ހުޅުމާލެއަށް ބަދަލުކުރުމަށް އަންގާފައެވެ.

މި އުޅަނދުތައް ހުޅުމާލެ ލޮޓް ނަންބަރު 452 ބިމުގައި ވަގުތީ ގޮތުން ބަހައްޓާނެ އިންތިޒާމު ހަމަޖައްސާފައިވާ އިރު، ވީ އެންމެ އަވަހަކަށް މި އުޅަނދުތައް ހާއްސަ ކުރެވިފައިވާ ބިމަށް ގެންދިއުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މި އެންގުމާ ހިލާފުވާ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ހުރި ހަލާކުވެފައިވާ އުޅަނދުތައް ނަގައި އެސަރަހައްދު ސާފުކުރަމުން އަންނަ އިރު، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި މިފަދަ ވެހިކަލްތަކުގެ މައްސަލަތައް ވެސް ބައެއް ފާޜަތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.