މޯލްޑިވްސް ލީޑާޝިޕް ޕުރޮގުރާމުގެ ދެވަނަ ބެޗުގެ ތަމުރީނު ސެޝަންތައް މި މަހުގެ 27 އިން 28 އަށް މާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

"މޯލްޑިވްސް އެގްޒެކެޓިވް ލީޑާޝިޕް ޕްރޮގްރާމް" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ "އެކްސްޕީރިއެންސް އެކްސްޗޭންޖް އޮން ގަވާންމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަން" އާބެހޭ އެމްއޯޔޫ އާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީނާ ތަޖުރިބާ ބަދަލު ކުރުމުގެ ޕްރޮގްރާމެކެވެ.

މިއީ ޔޫއޭއީ ގެ މިނިސްޓްރީ އޮފް ކެބިނެޓް އެފެއާޒުން ކުރިއަށް ގެންދާ "ގަވާމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް"ގެ ކެޕޭސިޓީ ބިލްޑިން ވޯކްސްޓްރީމްގެ ދަށުން ޔޫއޭއީ ސަރުކާރުން ހިންގާ ލީޑާޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗެވެ.

މި ފަހަރުގެ ޕުރޮގުރާމު އަމާޒުކޮށްފައި ވަނީ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ވޯކްޝޮޕް ސެޝަންތަކާއި އޮންލައިން ސެޝަންތަކާއި ފީލްޑް ވިޒިޓްތައް ހިމެނޭ ގޮތަށް، 3 މަސް ދުވަހުގެ މުއްދަތަށެވެ. އެގޮތުން ވޯކްޝޮޕް މޯޑުގައި ހިންގާ މޮޑިއުލްތަކުގެ ތެރެއިން ދެ މޮޑިއުލެއްގެ ސެޝަންތައް މި އޮގަސްޓު މަހުގެ 27 އިން 28 އަށް ރާއްޖޭގައި ކުރިއަށް ގެންދާނެއެވެ.

ހަމައެހެންމެ މި ޕުރޮގުރާމުގެ ދަށުން ޔޫއޭއީގައި ކުރިއަށްގެންދާ ސެޝަންތަކުގައި ބައިވެރިވުމަށާ، ޔޫއޭއީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރިއަށްގެންދާ ރިފޯމް އެންޑް މޮޑާނައިޒޭޝަން ޕުރޮގުރާމުތައް ދެނެގަނެ، ތަޖުރިބާ ހާސިލުކުރުމަށްޓަކައި، ޕުރޮގުރާމުގެ ބައިވެރިން ޔޫއޭއީއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންގެ ގްރެޖުއޭޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހު ޔޫއޭއީގައި އޮންނަ ވާރލްޑް ގަވާމަންޓް ސަމިޓުގައެވެ.

މޯލްޑިވްސް އެގްޒެކެޓިވް ލީޑާޝިޕް ޕުރޮގުރާމުގެ ސެޝަންތައް ނަގާދެއްވުމަށް ޔޫއޭއީ އިން ރާއްޖެއަށް ވަޑައިގަންނަވާ ބޭފުޅުންގެ ހަރަދުތަކާއި، މި ޕުރޮގުރާމުގެ ދަށުން ބައިވެރިން ޔޫއޭއީ އަށް ކުރައްވާ ދަތުރުތަކުގެ ހުރިހައި ހަރަދެއް ހަޖައްސާފައި ވަނީ ޔޫއޭއީ ގެ ސަރުކާރުންނެވެ.