ތަރައްގީއާއި އިގްތިސާދީ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޔުނައިޓެޑް އެރަބް އެމިރޭޓްސް، ޔޫއޭއީގެ ރައީސް ރައީސް މުހައްމަދު ބިން ޒާއިދު އާލް ނަހްޔާން ދެއްވައިފިއެވެ.

ޔޫއޭއީގެ ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ފޯނުން ގުޅުއްވައި، ކުރެއްވި މަޝްވަރާތަކުގައެވެ.

އެގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުންތަކާ ބެހޭގޮތުންނާއި ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި، ހާއްސަކޮށް އިގްތިސާދީ އަދި ތަރައްގީގެ ދާއިރާތަކުން އެއްބާރުލުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ހަމަ އެހެންމެ ދެ ޤައުމުގެ ރައްޔިތުންގެ ފާގަތިކަމާއި ލާބައަށްޓަކައި ޔޫއޭއީ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ތަރައްގީގެ ގުޅުން ފުޅާކޮށް، އެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރެއްވުމުގައި ދެމިތިއްބަވާނޭކަމަށް ދެ ރައީސުން ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ދެ ގައުމުގެ މަސްހަލަތު ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވައި، ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރާއްޖެއާއި ޔޫއޭއީ އާ ދެމެދު އޮންނަ ގާތް ގުޅުމަކީ ސިޔާސީ، އިގްތިސާދީ އަދި ތަރައްގީގެ އެކި ދާއިރާތަކުން ބަދަހިވަމުން އަންނަ ވަރަށް މުހިންމު ގުޅުމެކެވެ. މި ގުޅުމުގެ ދަށުން ދެގައުމުގެ މެދުގައި ވިޔަފާރިއާއި، ފަތުރުވެރިކަމުގެ އިތުރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.

ދެ ގައުމުގެ ދެމެދުގައި ރަސްމީ ސިޔާސީ ގުޅުން ގާއިމުކުރީ 1978 ވަނަ އަހަރުގައެވެ. އޭގެފަހުން މަތީ ފަންތީގެ ބައްދަލުވުންތަކާއި ސަފީރުން މެދުވެރިކޮށް ގުޅުން ބަދަހިކުރަމުންދެއެވެ.

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށާއި އިގްތިސާދީ ދަތި ހާލަތްތަކުގައި ޔޫއޭއީ ސަރުކާރުން ވަނީ ތަފާތު ފަހަރުމަތިން ބޮޑެތި ހިލޭ އެހީއާއި ލޯނު އެހީ ފޯރުކޮށްދީފައެވެ. އެގޮތުން 2020 ވަނަ އަހަރު އެ ގައުމުން ވަނީ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 771 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ.