މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ނެޝެނަލް މެރިން ޑްރެޖިންގް ކޮމްޕެނީ (އެންއެމްޑީސީ) ގްރޫޕާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ އަބޫދާބީގައި ހުންނަ އެންއެމްޑީސީގެ ހެޑް އޮފީހުގައެވެ.
މި ބައްދަލުވުމުގައި ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތޯރިގް އިބްރާހިމްގެ އިތުރުން، އެމްޓީސީސީގެ ޗެއާޕާސަން ސާދާ އިބްރާހިމް އަދި މެނޭޖިންގް ޑިރެކްޓާ އަހުމަދު ސައުދީ އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެންއެމްޑީސީ ގްރޫޕްގެ ފަރާތުން ސީއީއޯ ނީލްސް ޑި ބްރާއެން އާއި އެ ކުންފުނީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ އެމްޓީސީސީއާއި އެންއެމްޑީސީއާ ދެމެދު އޮތް ސްޓްރެޓީޖިކް ގުޅުން ބަދަހިކުރުމަށާއި، ދެ ކުންފުނި ގުޅިގެން ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގުމާ ގުޅޭގޮތުން ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން އެމްޓީސީސީގެ މަޝްރޫއުތަކަށް އެންއެމްޑީސީން އިންވެސްޓްކުރުމާއި، ޑްރެޖިންގް ސަޕޯޓާއި އެހެނިހެން އާލާތްތައް ފޯރުކޮށްދިނުމުގެ އިތުރުން މުވައްޒަފުން ތަމްރީނުކުރުމަށް ހާއްސަ ޓްރޭނިންގް އަދި އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާ ބެހޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި ވެއެވެ.
މި މަޝްވަރާތަކަށް ބިނާކޮށް، ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޔޫއޭއީގެ އެންއެމްޑީސީއަކީ މެދުއިރުމައްޗާއި ދެކުނު އޭޝިއާގައި މެރިން ޑްރެޖިންގް މަޝްރޫއުތައް ހިންގުމުގައި 50 އަހަރުގެ ދިގު ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. ހަމައެއާއެކު، އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެކި ދާއިރާތަކުގައި 45 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށް، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުންފުންޏެކެވެ.
