ރަސްމާލޭގައި ހިންގާ ހީގަލް ހިލްސް މަޝްރޫޢުގެ ދަށުން އެ ބިމުން 500 ހެކްޓަރު އެ ކުންފުންޏަށް ދިނުމާ ގުޅޭ ސަރުކާރުގެ އެއްބަސްވުން ހާމަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ވެރިކަންކުރާ ޕީއެންސީގެ 45 މެމްބަރުންގެ ވޯޓުން ބޭރުކޮށްލައިފިއެވެ.
މި ގަރާރަށް މަޖިލީހުގައި ހޫނު ބަހުސްތަކެއް ހިނގައިދިޔައިރު، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން ވަނީ، ރަސްމާލެއިން ބިން ދިނުމުގެ މި ނިންމުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެން ވޯޓަކަށް (ރިފަރަންޑަމަކަށް) ދިއުމަށް ގޮވާލައްވާފައެވެ.
ރަސްމާލޭން ޖުމްލަ 1،100 ހެކްޓަރުގެ ބިން ހިއްކަމުންދާ އިރު، އޭގެ ތެރެއިން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދެނީ މަތީ ފަންތީގެ ހޮޓާތަކާއި ޓޫރިސްޓް ވިލާތައް ހިމެނޭ ގޮތުން ވޯޓާ ފްރަންޓް މެރީނާއެއް ތަރައްގީ ކުރުމަށެވެ. އެހެންނަމަވެސް، މި މަޝްރޫއާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ، އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލް-އައްބާރާ އިޒްރޭލާ އޮންނަ ކަމަށް ބުނާ ގުޅުންތަކާއި، އެއްވެސް އެޑްވާންސެއް ނެގުމެއް ނެތި ރަސްމާލޭން 500 ހެކްޓަރުގެ ބޮޑު ބިމެއް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުންނެވެ.
ގަރާރުގެ ބަހުސްގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ވިދާޅުވީ، މި މަޝްރޫއަށް ތާއީދުކުރާ ރައްޔިތަކު އޭނާއާ މިހާތަނަށް ދިމާނުވާ ކަމަށާއި، އޭނާއާ ދިމާވި ކޮންމެ މީހެއްގެ ވެސް ހުރީ އެ މަޝްރޫއާ މެދު ކަންބޮޑުވުން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ކަންބޮޑުވުންތަކުގެ ތެރޭގައި ސަރުކާރުގެ ވަޒީރުންނާއި ވެރިކަންކުރާ ޕީއެންސީގެ ބައެއް މެމްބަރުންވެސް ހިމެނެއެވެ.
ޑރ. ޝަމްހީދު ވިދާޅުވި ގޮތުގައި، ދިވެހިން އެންމެ ބޮޑަށް ކަންބޮޑުވާ މައިގަނޑު ސަބަބުތަކަކީ ރާއްޖޭގައި އެކި ގައުމުތަކުން މީހުން އައިސް ދާއިމަށް އުޅެން ދިވެހިން ބޭނުންނުވާތީ އާއި ދިވެހި ފަސްގަނޑުން ބައިބައި ފޮތިފޮތިކޮށްފައި ބޭރު މީހުންނަށް ދޭން ދިވެހިން ބޭނުންނުވާތީ ކަމަށެވެ. ހަމައެއާއެކު ދިވެހިންގެ ފައިސާއިން 500 މިލިއަން ޑޮލަރު ހަރަދުކޮށްފައި ރަސްމާލެ ހިއްކަމުންދާއިރު، އެ ފައިސާ އިންޓްރެސްޓާ އެކު މިހާރުން މިހާރަށް ދިވެހިންނަށް ލިބިގެން ނޫން ގޮތަކަށް އެއްވެސް ބޭރުގެ ބަޔަކަށް އެ ބިން ދޭން ގަބޫލުނުވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމްހީދު އިތުރަށް ވިދާޅުވީ، ސަރުކާރުން ބުނާ ގޮތަށް އެ ފައިސާ ލިބޭނެ ކަމަށް "ޔޯލަ" ލާފައި ކުރާ ހީއަކަށް ބިނާކޮށް އެ މަޝްރޫއަށް ތާއީދުނުކުރެވޭނެ ކަމަށެވެ. އަދި އޭނާ ޗެލެންޖުކުރެއްވީ، މި މަޝްރޫއަށް ބިން ހިލޭ ދިނުމާ މެދު ރިފަރަންޑަމަކަށް ދިއުމަށާއި، ޕީއެންސީން ބުނާ ގޮތަށް ރައްޔިތުން އެކަމަށް ތާއީދުކުރާނަމަ، ބިރުގަންނަންވީ ސަބަބެއް ނެތް ކަމަށެވެ.
މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ވެސް ވަނީ ރާއްޖެއަށް އެފަދަ ބޮޑު އިންވެސްޓްމަންޓުތައް ގެނައުމުގެ ކުރިން ދިވެހިންގެ ގާތުގައި އަހަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ފަސް އަހަރުދުވަހަށް މަޖިލީހުގެ މެމްބަރުންނާއި ސަރުކާރު ހިންގުމަށް ވެރިއަކު އައްޔަންކުރަނީ ވަޒީފާއެއްގެ ގޮތުގައި ކަމަށާއި، ގައުމު ވިއްކާލުމުގެ ބާރަކީ އެއިން އެއްވެސް މަގާމެއްގައި ހުންނަ ބޭފުޅަކަށް ދީފައިވާ ބާރެއް ނޫން ކަމަށެވެ. މައުރޫފް ގޮވާލެއްވީ، ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ދިނުމުގެ ކުރިން ރިފަރަންޑަމަކަށް ދިއުމަށާއި، ދިވެހި ރައްޔިތުން މިކަމާ ދޭތެރޭ ދެކޭގޮތް ބަލާފައި ނޫނީ މިފަދަ ކަންކަން ނުކުރުމަށެވެ.
މިކަމަށް ރައްދު ދެއްވަމުން ޕީއެންސީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވިދާޅުވީ، ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭވަރުގެ ކަމެއް އޭގައި ނެތް ކަމަށާއި ރައްޔިތުން އެ މަޝްރޫއަށް ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށެވެ. ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވީ، އެ ޕާޓީގެ ހުރިހާ މަޖިލިސް މެމްބަރުން ވެސް ވަރަށް ބޮޑަށް އެ މަޝްރޫއަށް ތާއީދުކުރާ ކަމަށާއި، އެއަށް ވުރެ ބޮޑަށް ތާއީދުކުރާ އިތުރު މަޝްރޫއެއް ނެތް ކަމަށެވެ.
