ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން އިސްނަގައިގެން ކުރިއަށްގެންދިޔަ ރަސްމާލެ މަޝްރޫއުގެ މީޑިއާ ޓުއާގައި ބައިވެރިވި ދިވެހި ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ހިންގަމުންދާ އަބުރަށްއަރައިގަތުމާއި ނަފްރަތު އުފެއްދުމުގެ ކެމްޕޭންތައް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، އެ ނޫސްވެރިންނަށް އެކަށީގެންވާ ސެކިއުރިޓީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅައިފިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދަށް އެމްޖޭއޭއިން ފޮނުވި ރަސްމީ ސިޓީގައި ބުނެފައިވަނީ، ޔޫއޭއީގެ ދުބާއީގައި އީގަލް ހިލްސްއިން އިންތިޒާމުކުރި މީޑިއާ ޓުއާ ނިންމާލުމަށްފަހު، އެ ދަތުރުގައި ބައިވެރިވި ނޫސްވެރިންގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށް، އެ މީހުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމުގެ މަސައްކަތްތަކެއް ބަޔަކު ރޭވުންތެރިކަމާއެކު ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން، ނޫސްވެރިންނަކީ "ޚާއިނުން" އަދި "ޒަޔަނިސްޓުން" ގޮތުގައި ސިފަކޮށް، އެ މީހުންގެ ރިޕޯޓިންއާއި ގުޅުވައިގެން ހުތުރު ބަހުން ފުރައްސާރަކުރަމުންދާކަން އެމްޖޭއޭއިން ފާހަގަކުރިއެވެ.
އެމްޖޭއޭއިން ފާހަގަކުރި ގޮތުގައި، ނޫސްވެރިން މަސައްކަތްކުރަނީ އެ މީހުން ނިސްބަތްވާ މީޑިއާ ހައުސްތަކުގެ އެޑިޓޯރިއަލް އުސޫލުތަކާ އެއްގޮތަށް ކަމަށްވާއިރު، މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ސަބަބުން ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށްގެން ހިންގާ މިފަދަ އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އަދި މިފަދަ އިންޒާރުތަކުގެ ސަބަބުން ނޫސްވެރިންނާއި އެ މީހުންގެ އާއިލާތަކަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވެފައިވާ ކަމަށްވެސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
އަނިޔާ އާއި ފުރައްސާރައާ ކުރިމަތިލާންޖެހިފައިވާ ނޫސްވެރިންގެ ސެކިއުރިޓީ ރިސްކް އެސެސްމަންޓެއް ވަގުތުން ހެދުމަށާއި، އަސަރުކޮށްފައިވާ ނޫސްވެރިންނާއި އެ މީހުންގެ އާއިލާތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ހިމާޔަތް ހަމަޖެއްސުމަށް އެމްޖޭއޭއިން ވަނީ އެދިފައެވެ.
މި މައްސަލައާ ގުޅޭގޮތުން އެމްޖޭއޭގެ ރައީސް ނާއިފް އަހުމަދު ވިދާޅުވީ، އެއްވެސް ނޫސްވެރިއަކު އެ މީހެއްގެ ފުރާނައަށް ނުވަތަ އާއިލާގެ ރައްކާތެރިކަމަށް ބިރުގަންނަންޖެހޭ ހާލަތެއްގައި މަސައްކަތްކުރަންޖެހުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދެވޭ ނުރައްކާތެރި ހަމަލާއެއް ކަމަށެވެ.
މީގެ އިތުރުން، އެމްޖޭއޭއިން ވަނީ ރާއްޖޭގެ އެންމެހައި މީޑިއާ ހައުސްތަކަށާއި އެޑިޓަރުންނަށް އިލްތިމާސްކޮށް، ސްޕޮންސަރުކޮށްގެން ގެނެސްދޭ ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ހަބަރުތައް ސަރީހަކޮށް ވަކިކުރުމަށް ގޮވާލާފައެވެ.
ނޫސްވެރިންގެ އަހުލާގީ މިންގަނޑަށް ހުރުމަތްތެރިކޮށް ހިތައި، ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން އާންމުންގެ އިތުބާރު ގެއްލި، ނޫސްވެރިން ނުރައްކަލުގެ ތެރެއަށް ނުވައްޓާލުމަށް އެސޯސިއޭޝަނުން އިލްތިމާސްކުރިއެވެ.
