މުސްލިމުންގެ ބިންތަކަށް ގަދަކަމުން ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ ތެރެއިން ގޯލާނުގެ އުސްބިންތަކުގައި ތިބި މީހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 11 މީހަކު މަރުވެއްޖެއެވެ.
ހަމަލާ ދިން ބަޔަކު އިޒްރޭލަށް އަދިވެސް ނޭނގޭ އިރު މިއީ ރޮކެތް ހަމަލާއެއް ކަމަށާއި މިހަމަލާ އަމާޒުވެފައި ވަނީ ގޯލާންގެ އުސްބިންތަކުގެ ބަޖްދާލް ޝާމްގެ ޑްރޫޒު އަވަށުގެ ފުޓްބޯޅަ ދަނޑަކަށެވެ.
އިޒްރޭލުން މިހަމަލާގެ ޒިންމާ ލުބުނާނުގައި އޮންނަ ހިޒްބުއްލޯ ޖަމާއަތުގެ ބޮލުގައި އަޅުވާފައި ވާ އިރު އެޖަމާއަތުން ބުނެފައި ވަނީ އެއީ އެމީހުންނާ ގުޅުން ހުރި ހަމަލާއެއް ނޫން ކަމަށެވެ.
11 މީހަކު މަރުވުމުގެ އިތުރުން 19 މީހަކު ޒަހަމްވި މިހަމަލާގެ ސަބަބުން ޔަހޫދީންނަށް ވަނީ އިތުރު ސިހުމެއް ލިބިފައެވެ.
މީގެ ކުރިން މޮޑިފައި ކޮށްފައިވާ ޑްރޯނެއް ބޭނުން ކޮށްގެން އިޒްރޭލުގެ މެދުތެރެއަށް ހޫތީން ހަމަލާއެއް ދީ ސިއްސުވާލާލައިފައި ވެއެވެ.
"އަހަރެމެނަށް އިނގޭ ހަމަލާ ދިނީ ހިޒްބުއްލޯ އިން ކަން, ބަދަލު ހިފަން މިދަނީ ތައްޔާރު ވަމުން" އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާން ޑެނިއަލް ހަގާރީ ބުނެފައި ވެއެވެ.
ނަމަވެސް މި ތުހުމަތުތައް ދޮގު ކުރަމުން ހިޒްބުއްލޯ އިން ބުނީ, ދުޝްމަން މީޑިއާ އިން އެހެން ބުނި ނަމަވެސް އެހަމަލާގައި ހިޒްބުއްލޯގެ އަތެއް [ގުޅުމެއް] ނުވާ ކަމަށެވެ.
އޮކްޓޯބަރު 8, 2023 ގައި އިޒްރޭލުން ގާޒާ އަށް ހަމަލާ ދޭން ފެށީއްސުރެ މިއަދާ ހަމައަށް ހިޒްބުއްލޯ އާއި އިޒްރޭލާ ދެމެދު އަންނަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ. އެ ހަމަލާތައް ހިނގަނީ އިޒްރޭލާއި ލުބުނާނު ބޯޑަރުގައެވެ. އެއަށްވުރެ ފުނަށް ނުވަތަ ފެއަށް ހަމަލާ އަމާޒުވަނީ ހިޒްބުއްލީއިން ރޮކެޓް ހަމަލާއެއް ނުވަތަ މިސައިލް ހަމަލާއެއް ދީފިނަމައެވެ. އެފަދަ ބައެއް ހަމަލާތައް ލުބުނާނާ ކައިރިއަށް އޮންނަ އިޒްރޭލުން ހިފާފައިވާ ބައެއް އަވަށްތަކަށް އަމާޒުވެފައި އެބަހުއްޓެވެ. ބަދަލުގައި އިޒްރޭލުން ވަރުގަދަ ހަމަލާތައް ދީ ހިޒްބުއްލޯގެ މަގާމުތައް ހަލާކު ކޮށްލައި އެ ޖަމާއަތުގެ އިޒް ބައެއް ކޮމާންޑަރުން އަވަހާރަކޮށްލާފައި ވެސް ވެއެވެ.
ގަދަކަމުން ވަޒަންވެރިވެގެން ތިބި ޔަހޫދީންނަށް މި ހަމަލާތައް އަމާޒުވި އިރު އެމީހުންގެ ބޮޑުވަޒީރު ބަންޖަމިން ނަތަންޔާހޫ ހުރީ, އެމީހުންނާ އެކު ގަދަކޮށް އޮތް އެމެރިކާއަށް ގޮހެވެ. އެމެރިކާގެ ރުހުން އިތުރަށް ހޯދުމަށާއި, ކުރިއަށް އޮތް އިޒްރޭލުގެ އިންތިހާބުގައި އޭނާ [ނަތަންޔާހޫ] ވާދަ ކުރާތީ ސަޕޯޓް ހޯދުމުގެ ބޭނުމުގައެވެ. އެމެރިކާއަށް ގޮސް އެގައުމުގެ ކޮންގްރެސްގައި އޭނާ ވާހަކަ ދެއްކި އިރު, އޭނާއަށާއި އިޒްރޭލަށް ފުރިހަމަ ތާއީދު އޮތްކަން ދެއްކުމަށް އެމެރިކާގެ ކޮންގްރެސްގެ އެންމެންހެން ވަނީ ކޮންމެ ފަހަރަކު ކޮޅަށް ތެދުވެ ތިބެ އަތްތެލިބަޑި ޖަހާފައެވެ.
ގޯލާނަށް މި ހަމަލާ އަމާޒުވެ އިޒްރޭލު އިތުރު ހާސްކަމަކަށް ގޮސްފައިވާ އިރު, އިޒްރޭލު ސިފައިން ވަނީ ގާޒާއަށް ދޭ ހަމަލާތައް ވަރުގަދަ ކޮށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 30 މީހަކު ޝަހީދު ކޮށްލާފައެވެ. މިއާއެކު ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް ވަނީ 39,258 އަށް އަރާފައެވެ.