އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އެގައުމުގެ ރައްޔިތުންގެ މައްޗަށް ހިންގާ ސިޔާސަތުތަކާ، އަމަލުކުރާ ގޮތްތަކުގެ ސަބަބުން ގާނޫނީގޮތުން ނުކުންނަ ނަތީޖާތަކާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިއްޔެ ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް، މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ގަވާއިދާ ހިލާފަށް ދެމިތިބުމަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފު ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ފަލަސްތީނަށް ފުރިހަމަ ދައުލަތެއްގެ ހައިސިއްޔަތު ހޯދުމަށް މަސައްކަތްކުރުމުގެ ހައްގު ލިބިދޭކަން އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަންގައި ފާހަގަކޮށްފައިވާތީ އެކަންވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް އިޒްރޭލުން ވަޒަންވެރި ކުރުވަމުން ދިއުމުގެ ސިޔާސަތުތައް ވަގުތުން ހުއްޓާލުމަށާ އަދި އިޒްރޭލުގެ ނާއިންސާފު އަމަލުތަކާ އަދި ތަފާތުކުރުންތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށްވެސް ގޮވާލައްވާފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިރުމަތީ ގުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ކުރާ އުންމީދުތައް އިއްޔެ އައިސީޖޭ އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންއާއެކު، އިތުރަށް އައުވެގެން ދިޔަކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި 38،848 މީހުން މަރުވެ 89،459 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.