ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި މުއައްސަސާތަކުން އަޅާ އިސްލާހީ ފިޔަވަޅުތަކާމެދު ހިތްހަމަނުޖެހޭނަމަ، އެކަން މައްސަލައެއްގެ ގޮތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިހްތިސާސް ލިބިގެންވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފިއެވެ.
މި މައްސަލަ ފެންމަތިވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފަކު ޖިންސީ ފުރައްސާރައިގެ އަމަލެއް ހިންގިކަމަށް ތުހުމަތުކޮށް، މުސާރަ ނުލިބޭ ގޮތަށް 14 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. އެ ފިޔަވަޅު ބާތިލުކުރުމަށް އެދި އެ މުވައްޒަފު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށައެޅުމުން، މައްސަލަ ބެލުމުގެ އިހްތިސާސް ޓްރައިބިއުނަލަށް ނެތް ކަމަށް ބުނެ ސްޓެލްކޯއިން ވަނީ އިޖުރާއީ ނުކުތާއެއް ނަގާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބެލޭނެ ކަމަށް ނިންމި ނިންމުން ސްޓެލްކޯއިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވެސް ނިންމާފައިވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ހާއްސަ ގާނޫނުގެ ދަށުން ފިޔަވަޅެއް އެޅި ނަމަވެސް، ވަޒީފާއާބެހޭ އާންމު ގާނޫނުގެ 19 ވަނަ މާއްދާގެ (ރ) ގެ ދަށުން އެކަމާ މެދު ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމަށެވެ.
މި ނިންމުމާއެކު، ސްޓެލްކޯއިން އެ މުވައްޒަފާ މެދު އެޅި ފިޔަވަޅުގެ މައްސަލަ މައުޟޫއީ ގޮތުން ބަލައި ގޮތެއް ނިންމުމުގެ ފުރުޞަތު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މިހާރު ވަނީ ލިބިފައެވެ.
