ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލްގެ ބަންދަށް އިތުރު 30 ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިޔާމް ވިދާޅުވީ އައިމަން އާއި ގުޅޭ މައްސަލައިގެ ބޮޑު ބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ތަހުގީގު ނިމުމަކާ ގާތްވެ، މިހާރު ކުރިއަށްދަނީ ޕީޖީ އާއި މަޝްވަރާކުރެވި އިތުރަށް ފުރިހަމަ ކުރަން ހުރި ބައިތައް ފުރިހަމަ ކުރުމުގެ މަރުހަލާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަ އިތުރުވަމުން އަންނައިރު ކަމާބެހޭ އިދާރާތަކުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ކުޑަކުދިންނަށް ކުރާ އަނިޔާގެ އެކި ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރެވޭ އެއް ކަމަކީ ޖިންސީ ގޯނާގެ މައްސަލަތަކެވެ.

"ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު" އަދި "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު" ގެ ދަށުން މިފަދަ ކުށްތަކަށް ވަރަށް ބޮޑެތި އަދަބުތައް ކަނޑައަޅާފައިވެއެވެ.