ހޯމް މިނިސްޓްރީން 2022 އަދި 2023 ވަނަ އަހަރު ހިންގި ބައެއް މަޝްރޫއުތަކުގައި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއް ހިންގާފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މާލޭ ޖަލު އުވާލުމަށްފަހު ގައިދީން ބަދަލުކުރުމަށްޓަކައި އަވަސް މަސައްކަތެއްގެ ގޮތުގައި ބަލައިގެން، މާފުށީ ޖަލުގައި 50 ގޮޅީގެ ހައި-ސެކިއުރިޓީ ވިންގެއް އެޅުމަށާއި، އިތުރު 18 ގޮޅި އަދި ސެކިއުރިޓީ ޕޯސްޓެއް އެޅުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް ސިންގަލް ސޯސް އުސޫލުން ހަވާލުކުރީ 45.4 މިލިއަން ރުފިޔާއަށެވެ. ނަމަވެސް، އެއްބަސްވި މުއްދަތަށް މަސައްކަތް ނިމިފައެއް ނުވެއެވެ.

އެ މަޝްރޫއުގެ ތެރެއިން ނިމިފައިވަނީ ހަމައެކަނި 18 ގޮޅީގެ މަސައްކަތް ކަމުގައި ވިޔަސް، މި ދެ މަސައްކަތަށް ޕޮލްކޯއިން ހުށަހެޅި ބިލްތަކަށް މިނިސްޓްރީން ވަނީ ޖުމްލަ 34.6 މިލިއަން ރުފިޔާ ދައްކާފައެވެ. އޭގެ އިތުރުން ޕޮލްކޯއިން ވާދަވެރި މާހައުލަކުން ހޯދުމެއް ނެތި ސަބްކޮންޓްރެކްޓަރަކަށް މި މަސައްކަތް ހަވާލުކޮށްފައިވާ ކަމަށާއި، ބީއޯކިޔުއާއި ކުރެހުމުގައި ހުރި ތަފާތުތަކުގެ ސަބަބުން އަގުތައް ބޮޑުކޮށް ހިމަނާފައިވާ ކަމަށްވެސް އޮޑިޓުން ފާހަގަކުރިއެވެ.

މާފުށީ ޖަލުގެ މައްސަލައިގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ، 50 ގޮޅީގެ މަސައްކަތް ކުރުމަށް ކަނޑައެޅި ސަރަޙައްދުގައި ހުރި އިމާރާތެއް ތަޅާލައި ސައިޓް ސާފުކުރުމުގެ އަގުގެ ގޮތުގައި ބީއޯކިޔުގައި ހިމަނައިގެން 2,920,082 (ދެ މިލިއަން ނުވަލައްކަ ވިހިހާސް އަށްޑިހަ ދެ) ރުފިޔާ ޕޮލްކޯއަށް ދޫކޮށްފައިވުމެވެ.

50 ގޮޅީގެ ހައި ސެކިއުރިޓީ ވިންގް ހަވާލުކުރުމުގެ ކުރިން އެ ސަރަހައްދު ދައްކުވައިދޭ ތަސްވީރު (20 ޖެނުއަރީ 2022)

ނަމަވެސް މަސައްކަތް ހަވާލުކުރުމުގެ ކުރިން ނަގާފައިވާ ފޮޓޯތަކުން އެ ސަރަހައްދުގައި އެއްވެސް އިމާރާތެއް ނެތްކަން ސާފުކޮށް އެނގެން އޮތް ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެ ފައިސާއަކީ ދައުލަތުން ހަރަދުކުރަން ނުޖެހި ދައްކާފައިވާ ފައިސާއެއް ކަމަށް ބަލައި، އެ ފައިސާ ޕޮލްކޯ އަތުން އަނބުރާ ހޯދުމަށާއި، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.

ކުޑަހުވަދޫ ޖުވެނައިލް ސެންޓަރު: ފެންވަރު ދަށްކޮށް ނިންމުމުން އިތުރު 5 މިލިއަންގެ ގެއްލުމެއް

ދ. ކުޑަހުވަދޫ ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު އިމާރާތްކުރުމަށް ރޯޑް ޓެކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ 21.5 މިލިއަން ރުފިޔާއަށް ހަވާލުކުރިއިރު، އެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ފުރިހަމަ ނުވަނީސް ވަނީ ބަލައިގެންފައެވެ. އެތަނުގެ ސީލިންގާއި ދޮރުތަކަށް ފެންވަދެ ހަލާކުވުމުގެ ސަބަބުން ޢިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ތަން މަރާމާތުކުރުމަށް އިތުރަށް 5.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީގެ އެސެސްމަންޓުން ދައްކައެވެ. މަސައްކަތް ފުރިހަމަ ނުވަނީސް ބަލައިގަތުމުގެ ސަބަބުން، ޑިފެކްޓްސް ލައިބިލިޓީ ނުވަތަ ގެރެންޓީ މުއްދަތުގައި ކޮންޓްރެކްޓަރު ލައްވައި އެކަންކަން ރަނގަޅުކުރުމުގެ ފުރުސަތު ދައުލަތަށް ވަނީ ގެއްލިފައެވެ.

ނޭކުރެންދޫ ކަރެކްޝަނަލް ފެސިލިޓީގެ އެޑްވާންސް ފައިސާ އަނބުރާ ނުލިބުން

ހދ. ނޭކުރެންދޫ ކަރެކްޝަނަލް ފެސިލިޓީގެ މަސައްކަތަށް ބަލާއިރު، ޗޮއިސް ޕްރައިވެޓް ލިމިޓެޑަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 15.3 މިލިއަން ރުފިޔާ ދޫކުރި ނަމަވެސް، އެޑްވާންސް ގެރެންޓީގެ މުއްދަތު ހަމަވުމުގެ ކުރިން މުއްދަތު އިތުރުކޮށްފައެއް ނުވެއެވެ. އަދި ކޮންޓްރެކްޓާ މަސައްކަތް ކުރިއަށް ނުގެންދިޔުމުން އެއްބަސްވުން ބާތިލުކުރިއިރު އަނބުރާ ދައުލަތަށް ލިބެންޖެހޭ 2.2 މިލިއަން ރުފިޔާ އަދިވެސް ހޯދިފައި ނުވާކަމަށާއި، މި ފައިސާ އަނބުރާ ހޯދުމަށް ސިޓީ ފޮނުވުން ފިޔަވައި އެކަށީގެންވާ އެއްވެސް ޤާނޫނީ ފިޔަވަޅެއް މިނިސްޓްރީން އަޅާފައި ނުވާކަން އޮޑިޓުން ވަނީ ހާމަވެފައެވެ.

މާލިއްޔަތު ގަވާއިދު ބަޔާންކުރާ ގޮތުގައި ކޮންޓްރެކްޓެއްގެ އަގަށް 15 އިންސައްތައަށް ވުރެ ކުޑަ ބަދަލެއް ގެނެވޭނީވެސް ބިޑް ކޮމިޓީގެ ހުއްދައާއެކުގައެވެ. ނަމަވެސް މާފުށީ ޖަލާއި، ކުޑަހުވަދޫ ސެންޓަރާއި، ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އެއްބަސްވުންތަކުގެ އަގު، ބިޑް ކޮމިޓީގެ އެއްވެސް ހުއްދައަކާ ނުލައި ޖުމްލަ 1.5 މިލިއަން ރުފިޔާއިން ވަނީ ބޮޑުކޮށްފައެވެ.

ބިޑް ކޮމިޓީގެ ހުއްދަ ނުހޯދާ އަގު އިތުރުކޮށްފައިވާ މަޝްރޫއުތަކުގެ ތަފްސީލް

މީގެ އިތުރުން، 2023 ވަނަ އަހަރު މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޑްރޯން ޝޯ ބްލޫ ސްޓްރައިޕްސް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑާ 1.1 މިލިއަން ރުފިޔާއަށް ހަވާލުކުރީ ވާދަވެރި މާހައުލަކުން ނޫން ކަމަށާއި، ސިންގަލް ސޯސް އުސޫލުން ހަވާލުކުރި ސަބަބު ލިޔުމުން ބަޔާންކޮށް ބަލަހައްޓާފައި ނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މި ހުރިހާ މައްސަލަތަކާ ގުޅިގެން، މާލިއްޔަތު ގަވާއިދާ ހިލާފުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށާއި، ގެއްލުނު ފައިސާތައް އަނބުރާ ދައުލަތަށް ހޯދުމަށް އޮޑިޓާ ޖެނެރަލް ވަނީ ދާހިލީ ވުޒާރާއަށް އަންގާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ހޯމް މިނިސްޓަރު ކަމަށް އިމްރާން އަބްދުﷲ ހުންނެވި ދުވަސްވަރުއެވެ.