ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި، އިންސާނީ ކަރާމާތާއި، ސުލްހަ ގާއިމުކޮށްދިނުމަށް ވަކާލާތުކުރުމުގައި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ފަދަ ޖަމާއަތްތަކާއި ގައުމުތަކުން ގުޅިގެން މަސައްކަތް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިފަދައިން ގޮވާލެއްވީ ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށާއި އދ. ގެ މެންބަރެއްގެ ގޮތުގައި 60 އަހަރު ފާހަގަކުރާ އަހަރުކަމަށާއި، 1965ގައި ދިވެހިރާއްޖެއިން ވަކާލާތުކުރި ސުލްހައާއި، މަޝްވަރާއާއި، ޑިޕްލޮމަސީގެ އުސޫލުތަކަށް އަދިވެސް ވަކާލާތުކުރައްވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ.

އަދި، ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ނިކަމެތި ހާލަތާއިމެދު ދިވެހިރާއްޖެއިން ކަންބޮޑުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފައެވެ.

ރައީސް މުއިއްޒު ގެންދަވަނީ، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ގަވާއިދާ ހިލާފަށް ދެމިތިބެ، ފަލަސްތީނުގެ ރައްޔިތުންނާއި މެދު ހިންގަމުންގެންދާ ލާއިންސާނީ، އަނިޔާވެރި އަމަލުތައް ކުށްވެރިކުރައްވައި، އެފަދަ ޢަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާއި ހިލާފުކަމެއްކަން ތަކުރާރުކުރައްވައި ފަލަސްޠީނު ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރައްވައި އަޑުއުފުއްލަވަމުންނެވެ.

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ގައުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް ގެ ދައުވަތަކަށް، ކުރައްވާ ދަތުރުފުޅެކެވެ.