ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރަސްމީ ވަޓްސްއެޕް ގްރޫޕުން ވަކިކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ، ޝާހިދު ގްރޫޕުން އުނިކުރުމަކީ މިފަދަ ނާޒުކު މައްސަލަތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން ސެކިއުރިޓީ ސަބަބުތަކަށް ޓަކައި އެޅި ފިޔަވަޅެއް ކަމަށާއި، ގްރޫޕުން ޝާހިދު ވަކިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައިކަމަށެވެ.

އުމުރުން 64 އަހަރުގެ ޝާހިދު (ހ. ރަބީއީމަންޒިލް، ކ. މާލެ) ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ 21:59 ހާއިރު ކަމަށެވެ.

އަދި އެ ރޭ އޭނާ ދޫނިދޫ ޖަލަށް ގެންގޮސްފައިވާއިރު، ފަހުން އޭނާގެ މައްޗަށް ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.

މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް، ޝާހިދު ހައްޔަރުކުރި މައްސަލައިގައި އެމްޑީޕީގެ ފަރާތުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޝާހިދު ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން، އޭނާ ވަނީ އެކްސްގައި މި މައްސަލައާ ގުޅޭގޮތުން ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ޝާހިދު ވިދާޅުވެފައި ވަނީ، އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ މި ވާހަކަތަކަކީ އެއްވެސް އަސްލެއް އަދި ހަގީގަތެއް ނެތް ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށެވެ.