ރާއްޖެއަށް އިގްތިސޯދީ ހާލަތު ގޯސްވުމުގެ ކުރިން، އެފަދަ ހާލަތަކުން ގައުމު ސަލާމަތްކުރުމަށް ބޭނުންވާ އިރުޝާދުތައް ކަމާބެހޭ ފަރާތްތަކަށް ދެމުން ދިޔަ ނަމަވެސް، އެއްވެސް ފަރާތަކުން އެ އިރުޝާދުތަކަށް އަހައްމިއްޔަތުކަން ނުދޭ ކަމަށް، ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މިއަދަށް ދެ ބައްދަލުވުމެއް ތާވަލުކޮށްފައެވެ. އެއީ ގަވަރުނަރުކަމުން ހާޝިމް ވަކިކުރުމުގެ މައްސަލައިގައި ބާއްވާ ބައްދަލުވުމާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިސްބޭފުޅުން ހާޒިރުކޮށްގެން ބާއްވާ ބައްދަލުވުމެވެ. ހާޝިމް އާލާސްކަންފުޅާ އުޅުއްވާތީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަން އެންގެވުމުން، އެ ބައްދަލުވުން މިއަދު ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް ލިޔުމުން ހާޝިމް ވަނީ ޖަވާބު ދެއްވައިފައެވެ.

ކޮމިޓީ އަށް ލިޔުމުން ފޮނުއްވި ދިގު ޖަވާބެއްގައި ހާޝިމް ވިދާޅުވީ، އިގްތިސޯދީ ހާލަތު ގޯސްވުމުގެ ކުރިން އެފަދަ ހާލަތަކުން ގައުމު ސަލާމަތްކުރުމަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން އެމްއެމްއޭއިން ކަމާބެހޭ އިދާރާތަކަށް ފޯރުކޮށްދީފައިވާނެ ކަމަށާއި، އެ އިދާރާ އިން މިހާރު ވެސް މަސައްކަތްކުރަމުން ދަނީ އެ މަގުން ކަމަށެވެ.

ހާޝިމް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދަށް ނުރައްކާތަކެއް ހުރިކަމާއި އެ ނުރައްކާތަކުން ސަލާމަތްކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިދިޔަ ދެ އަހަރުން ފެށިގެން ގަވައިދުން ހިއްސާކުރަމުން އެމްއެމްއޭއިން ގޮސްފައިވާނެ ކަމަށެވެ.

"އެހެންކަމުން އަޅުގަނޑާއި މި އޮތޯރިޓީ ގަބޫލުކުރާ ގޮތުގައި މިހާރުގެ މި އިގްތިސާދީ ހާލަތު އަދި އިގްތިސާދީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބޮޑު ބިރެއް އޮތުމުގެ މައިގަނޑު ސަބަބަކީ މި އޮތޯރިޓީ އާއި މާލީ ކަންކަމާ ބެހޭ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ އިރުޝާދާއި ލަފައަށް ކަމާބެހޭ ފަރާތްތަކުން އަހައްމިޔަތުކަން ނުދިނުމާއި އަޅުގަނޑުމެން ޒަމާނުއްސުރެ ވަކާލާތުކުރަމުން އައިސްފައިވާ ފިސްކަލް ޑިސިޕްލިން ގެންގުޅުއްވާފައި ނެތްކަމުންނެވެ،" ކޮމިޓީ އަށް ލިޔުމުން ހާޝިމް ފޮނުއްވި ޖަވާބުގައި ވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް އަންނަ ބަދަލުތައް ގަވައިދުން ބަލައި ޝާއިއުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ 2008 ވަނަ އަހަރު ރައީސް އޮފީހުގެ އިރުޝާދުގެ ދަށުން، ސަރުކާރުގެ އިގްތިސާދީ މުއައްސަސާތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ މެކްރޯ އިކޮނޮމިކް ޕޮލިސީ އެންޑް ކޯޑިނޭޝަން ކޮމިޓީ އާ ގުޅިގެން ކަމަށެވެ. ހާޝިމް ވިދާޅުވި ގޮތުގައި، ކޮމިޓީ ލެވެލްގައި އިގްތިސާދީ މުހިންމު ކަންކަމާ މެދު މަޝްވަރާކުރެވި، ނިންމުންތައް ނިންމިފައި ވެއެވެ.

"މިގޮތުން، 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެމްއީޕީސީސީގެ ހަ ޓެކްނިކަލް ލެވެލް ބައްދަލުވުމާއި، ދެ ޕޮލިސީ ލެވެލް ބައްދަލުވުން ބޭއްވިފައިވެއެވެ. މި ޓެކްނިކަލް އަދި ޕޮލިސީ ބައްދަލުވުންތަކުގައި 2023 ވަނަ އަހަރު އުފެއްދުންތެރިކަން މަޑުޖެހުނު ސަބަބުތަކާ މެދު މަޝްވަރާ ކުރެވުނެވެ. އަދި މި ބައްދަލުވުންތަކުގައި ސަރުކާރުގެ 2024 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓަޖީއަށް މި އޮތޯރިޓީ އާއި މިނިސްޓްރީ އޮފް ފިނޭންސް އާ ގުޅިގެން ތައްޔާރުކުރި ޖީޑީޕީގެ އަންދާޒާ އަދި މި އޮތޯރިޓީން ތައްޔާރުކުރި ފަތުރުވެރިކަމުގެ ސިނާއަތާ ބެހޭ އަންދާޒާތައް ހުށަހަޅާ މަޝްވަރާކޮށްފައި ވާނެއެވެ،"

މީގެ އިތުރުން، ފިނޭންސް މިނިސްޓްރީން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓަށް ލަފާދެމުންދާ ކަން ފާހަގަކުރައްވައި، އޭގެ ބައެއް ތަފްސީލު ވެސް ހާޝިމް ހިއްސާކުރެއްވިއެވެ. އެގޮތުން:

  • ބަޖެޓުގައި ފާހަގަކުރެވޭ ކަންކަމަށް ބަލައި، ކުރު ރާސްތާ އާއި މެދު ރާސްތާއަށް ހުރި އިކޮނޮމިކް ހިރާސްތައް ފާހަގަކޮށް، އެމްއެމްއޭގެ ރައުޔު ހުށަހަޅަމުންދޭ
  • ހަމަ އެގޮތަށް މި އަހަރުގެ ބަޖެޓާ ގުޅޭގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 19 ގައި ވެސް ލަފާދީފައިވޭ
  • އެގޮތުން ދައުލަތުގެ ރިކަރަންޓް ހަރަދުތައް ކުޑަކުރުމަށް އިސްކަން ދިނުމަށާއި ބަޖެޓް ޑެފިސިޓް ފައިނޭންސް ކުރުމަށްޓަކައި ޑޮމެސްޓިކް މާކެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އިލްތިމާސްކޮށްފައިވާނެ

ހަމަ އެހެންމެ، ކޮވިޑުގެ ސަބަބުން ފައިސާ ޗާޕްކުރަމުން ދިއުމާ ގުޅިގެން، އެމްއެމްއޭގެ އެކައުންޓުން އޯވާޑްރޯކޮށްފައިވާ ބެލެންސް ސެކިއުރަޓައިޒް ކުރެވުނު ކޮންމެ ފަހަރަކު އެކަމުގައި ހިރާސްތަކާއި، އިގްތިސޯދަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާއި، ބޭންކިން ނިޒާމުގައި ދައުރުވާ ސާޕްލަސް ރުފިޔާ ލިކުއިޑިޓީ އިތުރުވެގެން ދިއުމުގެ ސަބަބުން އެކްސްޗޭންޖް ރޭޓަށާއި ދައުލަތުގެ ރަސްމީ ރިޒާވަށް ކުރާނެ ނޭދެވޭ އަސަރުތައް އެކި މަރުހަލާގައި ލިޔުމުންނާއި، މިނިސްޓްރީ އާއި މަޖިލީހާ އެކު ބޭއްވުނު ބައްދަލުވުންތަކުގައި ހިއްސާކުރައްވާފައިވާނެ ކަމަށް ހާޝިމް ވިދާޅުވިއެވެ.

އަދި ދައުލަތުގެ ރިޒާވަށް ދުވަހުން ދުވަހަށް އަންނަ ބަދަލުތަކާއި އަންދާޒާތައް ގަވައިދުން ރައީސް އޮފީހަށާއި ފިނޭންސް މިނިސްޓްރީ އަށް، 2019 ވަނަ އަހަރުން ފެށިގެން ހިއްސާކުރަމުންދާ ކަމަށާއި، 2020 ވަނަ އަހަރުން ފެށިގެން ހާމަކަން ބޮޑު ގޮތެއްގައި އެމްއެމްއޭއިން ރާއްޖޭގެ އިގްތިސޯދާ ގުޅޭ ގޮތުން ތަފާސްހިސާބުތައް އާންމުކުރަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.