އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގާބިލުކަން އަލީ ހާޝިމްގެ ކިބައިގައި ނެތް ކަމަށް ބުނެ، އޭނާ މަގާމުން ވަކިކުރަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ހާޝިމް ގަވަރުނަރުކަމުގެ މަސްއޫލިއްޔަތުތައް އަދާނުކުރައްވާ ކަމަށް ވިދާޅުވެ، އޭނާ އެ މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން މި މަހުގެ ފުރަތަމަ ދުވަހު ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.

މި މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ހާޝިމަށް މާލިއްޔަތު ކޮމިޓީން ދިން ނަމަވެސް، އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ ބައްދަލުވުމަށް ވަޑައެއްނުގަންނަވައެވެ. ބަދަލުގައި ފުރަތަމަ ދުވަހު ފޮނުއްވީ މާލީ ހާލަތު ބަޔާންކުރައްވައި، އަދި މައްސަލައަށް ޖަވާބުދެއްވައި، 14 ސަފްހާގެ ރިޕޯޓެކެވެ. އެހެންވެ މިއަދަށް ކޮމިޓީގެ ބައްދަލުވުން ތާވަލުކޮށް ހާޝިމް ވަޑައިގަތުމަށް އެންގުމުން، މިއަދު ވެސް ވަޑައެއްނުގަންނަވައެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ، އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ ހާޝިމް ސިޓީއެއް ފޮނުއްވާފައިވާ ކަމަށާއި، އިތުރަށް މެންބަރުން ކުރައްވަން ބޭނުންވާ ސުވާލުތައް ލިޔުން މެދުވެރިކޮށް ކުރެއްވުމަށް އެ ސިޓީގައި ހާޝިމް ލިޔުއްވާފައިވާ ކަމަށެވެ.ނާޒިމް ވިދާޅުވީ، ހާޝިމަށް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ފަހިކޮށްދީ، މެންބަރުންގެ މެދުގައި ހުރި އޮޅުންބޮޅުންތައް ސާފުކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، ނަމަވެސް ފެނިވަޑައިގަންނަވަނީ ހާޝިމް އެ ފުރުސަތުގެ ބޭނުން ހިއްޕަވަން އުޒުރުވެރިވެ ވަޑައިގަންނަވާ މަންޒަރު ކަމަށެވެ.

"ދެން އަޅުގަނޑުމެން ވެސް އެއްގޮތަކަށް ވެސް ބޭނުންވާ ކަމެއްނޫން އާލާސްކަންފުޅާ އުޅުއްވާ ބޭފުޅަކު އާލާސްކަންފުޅާ އުޅުއްވަނިކޮށް މި ކަންތައްތައް ފުރިހަމަކުރުމަކީ ވެސް، އެހެން ނަމަވެސް އަޅުގަނޑުމެން ތިން ފުރުސަތު ލިބިދެވިފަ، އެ ތިން ފުރުސަތުގެ ވެސް ބޭނުން ނުކުރައްވައި ބަލި ހާލަތު އެގޮތަށް ބަޔާންކުރެއްވީމާ އަޅުގަނޑުމެން އެބަ ޖެހޭ ވިސްނާލަން، އެ ބޭފުޅާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ފިޓުތޯވެސް އިނގޭތޯ، އެ ވެސް ހަމަ އުފެދޭ ސުވާލެއް،" އޭނާ ވިދާޅުވިއެވެ.އެއަށްފަހު ނާޒިމް ހުށަހެޅުއްވީ، ކޮމިޓީން ފާހަގަކުރެވުނު ކަންކަމާއި ހާޝިމްގެ ޖަވާބާއި އިތުރަށް ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، ކޮމިޓީން ގޮތެއް ނިންމުމަށެވެ. އެ ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވަނީ ތާއީދުކުރައްވައިފައެވެ.އޭދަފުށި ދާއިރާގެ މެންބަރު އަދި ކޮމިޓީގެ ނައިބު މުގައްރިރު އަހްމަދު ސަލީމް ވިދާޅުވި ގޮތުގައި، މައުލޫމާތު ލިބިފައިވާ ގޮތުން ހާޝިމް ހުންނެވީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. އޭނާ ވިދާޅުވީ ގަވަރުނަރު ފަދަ ބޮޑު މަގާމެއްގައި ތިއްބަވާ ބޭފުޅުން ގައުމުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްނުކުރައްވާ ނަމަ އިސްތިއުފާދެއްވުމުގެ ފުރުސަތު ވެސް އޮތް ކަމަށެވެ.ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގު ވިދާޅުވީ، މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ޝައްކުކުރެވޭ މުއާމަލާތްތައް ރިޕޯޓުކުރެވޭނެ އުސޫލުތައް ކަނޑައަޅައި، ގާނޫނެއް ހަދަން ޖެހޭ ހިނދު، އެފަދަ ގާނޫނުތައް ހެދޭތޯ ބެލުމާ ނުބެލުމަކީ ގަވަރުނަރުގެ ޒިންމާއެއް ކަމަށެވެ. އަޒާން ވިދާޅުވި ގޮތުގައި 10 އަހަރުވީ އިރު ވެސް މިފަދަ ގަވައިދުތައް ހެދިފައެއް ނެތެވެ.ހާޝިމް ކޮމިޓީއަށް ވަޑައިނުގެންނެވުމުން ޖުމްލަ ގޮތެއްގައި މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.ކޮމިޓީއަށް ވަޑައިނުގެންނެވޭތީ އިތުރު ސުވާލެއް އޮތް ނަމަ މެންބަރުން ލިޔުމުން އެ ސުވާލެއް ހުށަހަޅަން ހާޝިމް އެދިވަޑައިގެންފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން އެގޮތަށް އަމަލުކުރަން ފެނޭތޯ ވޯޓަށް އެއްސެވުމުން އެއްވެސް މެންބަރަކު އެ ހުށަހެޅުމަކަށް ތާއީދެއް ނުކުރައްވައެވެ.އެއަށްފަހު ނާޒިމް ވިދާޅުވީ، ފިނޭންސް މިނިސްޓްރީގެ ސިޓީގައިވާ ގޮތުން، ދައުލަތުގެ މާލިއްޔަތާއި އިގްތިސޯދު ހަރުދަނާކުރުމާ ގުޚޭ ގޮތުން 17 ނޮވެމްބަރުން ފެށިގެން އިސްނަގައިގެން އެމްއެމްއޭއިން ލަފައެއް ނުދޭ ކަމަށާއި، ދައުލަތުގެ މާލިއްޔަތަށް ގޮންޖެހުން ހުރި ކަންކަމުގައި އެމްއެމްއޭ އާއި މިނިސްޓްރީ އާ ދެމެދު މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދިއުމަކީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ލިބިދެވޭ ބާރެއް ކަމަށްވީ ނަމަވެސް، ފިސްކަލް ޕޮލިސީ އާއި މަނިޓަރީ ޕޮލިސީ ދެމެހެއްޓުމަށް މަސައްކަތް ނުކުރެވޭކަން ފާހަގަވާ ކަމަށެވެ.

އެހެންވެ މި ކަންކަމަށް ބަލައި، ގަވަރުނަރުކަން އަދާކުރެއްވުމުގެ ގާބިލްކަން ހާޝިމްގެ ނެތް ކަމަށް ސާބިތުވާ ކަމަށާއި މަގާމުން ވަކިކުރަން ރައީސަށް ލަފާދޭން ފެންނަ ކަމަށް ފާސްކުރުމަށް ނާޒިމް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް ހުރިހާ މެންބަރުން ވެސް ތާއީދުކުރައްވައި، ހާޝިމް ވަކިކުރަން ރައީސަށް ލަފާދޭން ވަނީ ފާސްކޮށްފައެވެ.

ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން ކޮމިޓީން ނިންމިޔަސް، ރައީސަށް ލަފާ އެރުވޭނީ މަޖިލީހުގެ ތަޅުމުން ފާސްވުމުންނެވެ.