މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް އަހުމަދު މުނައްވަރު އައްޔަން ކުރުމާމެދު ރައްޔިތުން މަޖިލީހުގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ގަވަރުނަރުގެ މަގާމު ފުރުއްވަމުން ދިޔައީ އަލީ ހާޝިމް އެވެ. ނަމަވެސް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހާޝިމްގެ ކިބައިގައި ނެތް ކަމަށް ބުނެ، އޭނާ އެ މަގާމުން ވަކިކުރުމަށް ރައީސަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ. އޭނާ ވަކިކުރުމަށް ރައީސަށް ލަފާ ދޭން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.
އެއާއެކު ގަވަރުނަރުކަމުން ހާޝިމް ވަކިކޮށްފައި ވަނީ މިއަދު އެވެ. ރައީސަށް ލަފާއެރުވުމާ ބެހޭ މައްސަލަ މާލިއްޔަތު ކޮމިޓީން ފާސްކޮށް ހުށަހެޅި ރިޕޯޓު ފާސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ތެރެއިން މެންބަރުން 63 ވޯޓުދެއްވީ ހާޝިމް ވަކިކުރަން ރައީސަށް ލަފާދޭން ފެންނަ ކަމަށެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.
އެހެންކަމުން މިހާރު ހުސްވެފައިވާ ގަވަރުނަރުގެ މަގާމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގައި މިނިސްޓަރެއްގެ ފެންވަރުގައި އައްޔަނުކޮށްފައިވާ އަހްމަދު މުނައްވަރު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދުމަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މުނައްވަރަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ޖޫން 22, 2016 ގަ އެވެ. އަދި ޔާމީންގެ ވެރިކަން ނިމެންދެން އޭނާ ވަނީ އެ މަގާމު ފުރުއްވާފައެވެ.