މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެއަކު ފާސްކޮށްފިއެވެ.
ހާޝިމް މަގާމުން ވަކިކުރުމަށް ރައީސަށް ލަފާއެރުވުމާ ބެހޭ މައްސަލަ މާލިއްޔަތު ކޮމިޓީން ފާސްކޮށް ހުށަހެޅި ރިޕޯޓު ފާސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ތެރެއިން މެންބަރުން 63 ވޯޓުދެއްވީ ހާޝިމް ވަކިކުރަން ރައީސަށް ލަފާދޭން ފެންނަ ކަމަށެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.
ގަވަރުނަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހާޝިމްގެ ކިބައިގައި ނެތް ކަމަށް ބުނެ، އޭނާ އެ މަގާމުން ވަކިކުރުމަށް ރައީސަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ. އޭނާ ވަކިކުރުމަށް ރައީސަށް ލަފާ ދޭން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.
ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމިޓީ އާ ހިއްސާކުރި މައުލޫމާތާ ހަވާލާދެއްވައި ނާޒިމް ވިދާޅުވި ގޮތުގައި
- ދައުލަތުގެ މާލިއްޔަތާއި އިގްތިސޯދު ހަރުދަނާކުރުމާ ގުޚޭ ގޮތުން 17 ނޮވެމްބަރުން ފެށިގެން އިސްނަގައިގެން އެމްއެމްއޭއިން ލަފައެއް ނުދޭ
- ދައުލަތުގެ މާލިއްޔަތަށް ގޮންޖެހުން ހުރި ކަންކަމުގައި އެމްއެމްއޭ އާއި މިނިސްޓްރީ އާ ދެމެދު މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދިއުމަކީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ލިބިދެވޭ ބާރެއް ކަމަށްވީ ނަމަވެސް، ފިސްކަލް ޕޮލިސީ އާއި މަނިޓަރީ ޕޮލިސީ ދެމެހެއްޓުމަށް މަސައްކަތް ނުކުރެވޭކަން ފާހަގަކުރެވޭ
އެހެންވެ އެ ކަންކަމަށް ބަލައި، ގަވަރުނަރުކަން އަދާކުރެއްވުމުގެ ގާބިލްކަން ހާޝިމްގެ ނެތް ކަމަށް ސާބިތުވާ ކަމަށާއި މަގާމުން ވަކިކުރަން ރައީސަށް ލަފާދޭން ފެންނަ ކަމަށް ފާސްކުރުމަށް ނާޒިމް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް ހުރިހާ މެންބަރުން ވެސް ތާއީދުކުރައްވައި، ހާޝިމް ވަކިކުރަން ރައީސަށް ލަފާދޭން ކޮމިޓީން ވަނީ އެ ދުވަހު ނިންމައިފައެވެ.
ނަމަވެސް ކޮމިޓީ އަށް ލިޔުމުން ދެއްވި ޖަވާބުގައި، ރާއްޖޭގެ އިގްތިސޯދީ ހާލަތު ގޯސްވުމުގެ ކުރިން، އެފަދަ ހާލަތަކުން ގައުމު ސަލާމަތްކުރުމަށް ބޭނުންވާ އިރުޝާދުތައް ކަމާބެހޭ ފަރާތްތަކަށް ދެމުން ދިޔަ ނަމަވެސް، އެއްވެސް ފަރާތަކުން އެ އިރުޝާދުތަކަށް އަހައްމިއްޔަތުކަން ނުދޭ ކަމަށް، ހާޝިމް ވިދާޅުވެފައިވެއެވެ.
"އެހެންކަމުން އަޅުގަނޑާއި މި އޮތޯރިޓީ ގަބޫލުކުރާ ގޮތުގައި މިހާރުގެ މި އިގްތިސާދީ ހާލަތު އަދި އިގްތިސާދީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބޮޑު ބިރެއް އޮތުމުގެ މައިގަނޑު ސަބަބަކީ މި އޮތޯރިޓީ އާއި މާލީ ކަންކަމާ ބެހޭ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ އިރުޝާދާއި ލަފައަށް ކަމާބެހޭ ފަރާތްތަކުން އަހައްމިޔަތުކަން ނުދިނުމާއި އަޅުގަނޑުމެން ޒަމާނުއްސުރެ ވަކާލާތުކުރަމުން އައިސްފައިވާ ފިސްކަލް ޑިސިޕްލިން ގެންގުޅުއްވާފައި ނެތްކަމުންނެވެ،" ކޮމިޓީ އަށް މިދިޔަ ހޯމަ ދުވަހު އޭނާ ލިޔުމުން ފޮނުއްވި ޖަވާބުގައި ވެއެވެ.