މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދިނުމާ މެދު ގޮތެއް ނިންމުން، މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ތާވަލުކޮށްފިއެވެ.
ގަވަރުނަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހާޝިމްގެ ކިބައިގައި ނެތް ކަމަށް ބުނެ، އޭނާ އެ މަގާމުން ވަކިކުރުމަށް ރައީސަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގަތުމަށް ހާޝިމަށް ކޮމިޓީން އެންގި ނަމަވެސް، އޭނާ އެ ދުވަހު ބޭއްވި ބައްދަލުވުމަށް ވަޑައިނުގެންނެވިއެވެ.
ތިން ފަހަރު މަތިން ކޮމިޓީ އަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގަތުމަށް ކޮމިޓީ އަށް ހާޝިމަށް ފުރުސަތު ދިން ނަމަވެސް، އޭނާ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ، ހާޒިރުވެވަޑައިނުގެންނެވިއެވެ. ބަދަލުގައި ހުށަހެޅުއްވީ 14 ސަފްހާގެ ރިޕޯޓެކެވެ. އެހެންވެ، ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެ ދުވަހު ހުށަހެޅުއްވީ ކޮމިޓީން ފާހަގަކުރެވުނު ކަންކަމާއި ހާޝިމްގެ ޖަވާބާއި އިތުރަށް ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ކޮމިޓީން ގޮތެއް ނިންމުމަށެވެ.
ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމިޓީ އާ ހިއްސާކުރި މައުލޫމާތާ ހަވާލާދެއްވައި ނާޒިމް ވިދާޅުވި ގޮތުގައި
- ދައުލަތުގެ މާލިއްޔަތާއި އިގްތިސޯދު ހަރުދަނާކުރުމާ ގުޚޭ ގޮތުން 17 ނޮވެމްބަރުން ފެށިގެން އިސްނަގައިގެން އެމްއެމްއޭއިން ލަފައެއް ނުދޭ
- ދައުލަތުގެ މާލިއްޔަތަށް ގޮންޖެހުން ހުރި ކަންކަމުގައި އެމްއެމްއޭ އާއި މިނިސްޓްރީ އާ ދެމެދު މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދިއުމަކީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ލިބިދެވޭ ބާރެއް ކަމަށްވީ ނަމަވެސް، ފިސްކަލް ޕޮލިސީ އާއި މަނިޓަރީ ޕޮލިސީ ދެމެހެއްޓުމަށް މަސައްކަތް ނުކުރެވޭކަން ފާހަގަކުރެވޭ
އެހެންވެ އެ ކަންކަމަށް ބަލައި، ގަވަރުނަރުކަން އަދާކުރެއްވުމުގެ ގާބިލްކަން ހާޝިމްގެ ނެތް ކަމަށް ސާބިތުވާ ކަމަށާއި މަގާމުން ވަކިކުރަން ރައީސަށް ލަފާދޭން ފެންނަ ކަމަށް ފާސްކުރުމަށް ނާޒިމް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް ހުރިހާ މެންބަރުން ވެސް ތާއީދުކުރައްވައި، ހާޝިމް ވަކިކުރަން ރައީސަށް ލަފާދޭން އެ ދުވަހު ވަނީ ފާސްކޮށްފައެވެ.
ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން ކޮމިޓީން ނިންމިޔަސް، ރައީސަށް ލަފާ އެރުވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްވުމުންނެވެ.
ހާޝިމް ވަކިކުރުމަށް ރައީސަށް ލަފާދިނުމާ މެދު ގޮތެއް ނިންމުމުގެ އިތުރުން، ޖިނާއީ މައްސަލަތަކުގައި އަވަށްޓެރި ސްރީލަންކާ އަށް ގާނޫނީ އެހީތެރިކަން ދިނުމާ މެދު ވެސް މަޖިލީހުން މާދަމާ ގޮތެއް ނިންމާނެއެވެ.