އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގާބިލުކަން އަލީ ހާޝިމްގެ ކިބައިގައި ނެތް ކަމަށް ބުނެ، އޭނާ މަގާމުން ވަކިކުރަން ނިންމުމަކީ އިގްތިސާދީ ނާޒުކު މި ދަނޑިވަޅުގައި ނުރައްކާތެރި ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހާޝިމް މިއަދު ވަކިކުރަން ލަފާދޭން ފާސްކޮށްފައިވާއިރު، ހާޝިމް ގަވަރުނަރުކަމުގެ މަސްއޫލިއްޔަތުތައް އަދާނުކުރައްވާ ކަމަށް ވިދާޅުވެ، އޭނާ އެ މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން މި މަހުގެ ފުރަތަމަ ދުވަހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.

މިކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ އިގުތިސޯދީ ގޮތުން ވަރަށް ނާޒުކު ހާލަތެއްގައި ގައުމު އޮތް އިރު، ގަވަރުނަރު ވަކި ކުރުމަކީ ވަރަށް ކަންބޮޑުވުން ބޮޑު ކަމެއް ކަމަށާއި އެ ނިންމުން ރަޒްމުކޮށްދެނީ މި ސަރުކާރުގެ ދުރުވިސްނުމާއި ރޭވުންތެރިކަމެއް ނެތް ކަމެއް ކަމަށެވެ.

މި މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ހާޝިމަށް މާލިއްޔަތު ކޮމިޓީން ދިން ނަމަވެސް، އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ ބައްދަލުވުމަށް ވަޑައެއްނުގަންނަވައެވެ. ބަދަލުގައި ފުރަތަމަ ދުވަހު ފޮނުއްވީ މާލީ ހާލަތު ބަޔާންކުރައްވައި، އަދި މައްސަލައަށް ޖަވާބުދެއްވައި، 14 ސަފްހާގެ ރިޕޯޓެކެވެ. އެހެންވެ މިއަދަށް ކޮމިޓީގެ ބައްދަލުވުން ތާވަލުކޮށް ހާޝިމް ވަޑައިގަތުމަށް އެންގުމުން، މިއަދު ވެސް ވަޑައެއްނުގަންނަވައެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ، އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ ހާޝިމް ސިޓީއެއް ފޮނުއްވާފައިވާ ކަމަށާއި، އިތުރަށް މެންބަރުން ކުރައްވަން ބޭނުންވާ ސުވާލުތައް ލިޔުން މެދުވެރިކޮށް ކުރެއްވުމަށް އެ ސިޓީގައި ހާޝިމް ލިޔުއްވާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ހާޝިމަށް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ފަހިކޮށްދީ، މެންބަރުންގެ މެދުގައި ހުރި އޮޅުންބޮޅުންތައް ސާފުކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، ނަމަވެސް ފެނިވަޑައިގަންނަވަނީ ހާޝިމް އެ ފުރުސަތުގެ ބޭނުން ހިއްޕަވަން އުޒުރުވެރިވެ ވަޑައިގަންނަވާ މަންޒަރު ކަމަށެވެ.

ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން ކޮމިޓީން ނިންމިޔަސް، ރައީސަށް ލަފާ އެރުވޭނީ މަޖިލީހުގެ ތަޅުމުން ފާސްވުމުންނެވެ.