ކ. ތިލަފުށިން ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި ސިޓީ ހުށަހަޅާފައިވާ ތަރުތީބުން ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
ސީނާއީ ބޭނުމަށް ތިލަފުށީން ބިން ކުއްޔަށް ދޫކުރަން އެޗްޑީސީން ހުޅުވާލީ މި މަހުގެ 3 ވަނަ ދުވަހުއެވެ.
އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި މަހުގެ 3 ވަނަ ދުވަހު ކުރި އިއުލާނަށް ވަރަސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ގިނަ އަދަދެއްގެ ބަޔަކު ބިން ކުއްޔަށް ނެގުމަށް އެދި ސިޓީ ހުށަހަޅާފައިވާ ކަމަށެވެ. އެ ގޮތުން މިއަދާ ހަމައަށް ހުށަހަޅާފައިވާ ސިޓީތަކަށް ބަލައި، ސިޓީ ހުށަހަޅާފައިވާ ތަރުތީބުން އެ ކޯޕަރޭޝަންގެ އުސޫލުތަކާއި ތިލަފުށީގެ މާސްޓާ ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ބިން ކުއްޔަށް ދޫކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެއެވެ.
އަދި ބިން ކުއްޔަށް ދޫކުރާ އިރު ބިމުގެ ޖާގައަށް ބަލައި ޖާގަ ހުރި މިންވަރަކުން ބިން ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި މި ބުރުގައި ބިން ކުއްޔަށް ދޫކުރުމުގެ މަރުހަލާ ނިންމާލުމަށް ފަހު ތިލަފުށީގައި ހުސް ބިންތައް ހުރި ކަމުގައިވާ ނަމަ އިތުރު ފަރާތްތަކަށް ބިން ކުއްޔަށް ނެގުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
މި ކަމާ ގުލޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރުމަށް އެޗްޑީސީގެ ހޮޓްލައިން ނަންބަރު 1516 އަށް ގުލައިގެން ކުރިއަށް ގެންދިއުމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ.
އަދި ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައި ކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެފައި ވެއެވެ.