ޖާމަނީގައި މިރޭ ނިމިގެންދާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ސްޕެއިން އިންގްލޭންޑާ ދެކޮޅަށް ނިކުންނާނީ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ޓީމުގެ ގޮތުގައެވެ.
ފައިނަލަށް ދިޔަ މަގުމަތީގައި ހޯސްޓް ޖާމަނީ އަދި އެންމެ ފަހުގެ ވޯލްޑްކަޕްގެ ރަނާސްއަޕް ފްރާންސް ފަދަ ޓީމުތައް ސްޕެއިންއިން ބަލިކުރި އިރު މިމުބާރާތުގައި އެޓީމުން މިހާތަނަށް ކުޅުނު 6 މެޗުން ވެސް ސްޕެއިން ވަނީ މޮޅުވެފައެވެ. އަދި 6 މެޗުގައި ޖުމްލަ 13 ގޯލު ސްޕެއިންއިން ޖަހާފައިވާ އިރު ހަތަރު މެޗުގައި އިސްވެ ލަނޑު ޖެހީ ސްޕެއިނުންނެވެ. ގަދަ 16 ގައި ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުން ފުރަތަމަ ލަނޑު ޖެހި ނަމަވެސް ސްޕެއިންއިން ޖަވާބުގައި 4 ލަނޑު ޖެހިއެވެ. އަދި ސެމީގައި ފްރާންސުން މެޗުގެ 9 ވަނަ މިނެޓްގައި ސްޕެއިންގެ ޑިފެންސް ފޫއަޅުވާލި ނަމަވެސް ފުލުފުލުގައި ޖެހި ދެލަނޑާއެކު ސްޕެއިންއިން ފައިނަލްގެ ޖާގަ ކަށަވަރުކުރިއެވެ.
ސްޕެއިންގެ ޓީމުގެ މައިބަދަ އަކީ ތަޖުރިބާކާރު މުހިންމު ތިން ކުޅުންތެރިން
ޓީމުގެ ޒުވާން ވިންގަރު ކަމަށްވާ ނީކޯ ވިލިއަމްސް އަދި އިއްޔެ 17 އަހަރު ފުރުނު ލަމީން ޔަމާލްއަށް ދުނިޔޭގެ ނަޒަރު ހުއްޓިފައިވާ ނަމަވެސް ކޯޗު ލުއިސް ޑަ ލެ ފިއުންޓޭގެ ޓީމުގެ އެންމެ މުހިންމު ތިން ކުޅުންތެރިންގެ ތެރޭގައި މި ދެ ޒުވާނުން ނުހިމެނެއެވެ.
ބަލާ ހިތްވާ ކަހަލަ އަވަސް އަދި ގޯލާ ރައްޓެހި ކުޅުމެއް ސްޕެއިންގެ ފަރާތުން ފެނިގެންދާ މައިގަނޑު އެއް ސަބަބަކީ ކުރިއަށް ކުޅޭ ތަޖުރިބާކާރު ފޯވަޑް އަލްވާރޯ މޮރާޓާއެވެ. ކެޕްޓަން މޮރާޓާއަށް މި މުބާރާތުގައި އަދި ޖެހުނީ އެންމެ ލަނޑެކެވެ. އެވެސް ޕެނަލްޓީއެކެވެ. އެހެން ނަމަވެސް ކުޅުނު 6 މެޗުގެ ތެރެއިން 5 މެޗުގެ ފުރަތަމަ 11 އިން މޮރާޓާއަށް ޖާގަ ލިބުނު އެއް ސަބަބަކީ އޭނާ އަކީ އަމިއްލައަށް ލަނޑު ޖެހުމަށް ވުރެ އެހެން ކުޅުންތެރިން ލައްވާ ލަނޑު ޖަހުވަން ކުޅޭ ކުޅުންތެރިއަކަށް ވުމެވެ. ދެ ފަރާތުން ކުޅޭ ވިންގަރުންނަށް ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަންނަން ފަސޭހަވަނީ މޮރާޓާ ކުރީގައި ހުރެގެން ދުވާ ދުވުމުގެ ސަބަބުންނެވެ. އަދި ވިންގަރުން ފަހަތަށް ނުފޭބިއަސް ޓީމު ޕްރެޝަރަށް ދާ ގަޑި ގަޑީގައި ޑިފެންސަށް ފައިބާ ބޯޅަ ކްލިއާ ކުރުމުގައި ވެސް މޮރާޓާ އެހީވެއެވެ.
މިމުބާރާތުގައި ޓީމެއްގެ ގޮތުގައި އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ ވެސް ސްޕެއިންއެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ސްޕެއިންގެ މެދުތެރެއިން ކުޅޭ މެންޗެސްޓާ ސިޓީގެ ކުޅަދާނަ މިޑްފީލްޑަރު ރޮޑްރީއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ސިޓީގެ މެދުތެރެއަށް ވެސް ބަލަހައްޓަމުން ދިޔަ ރޮޑްރީ އަކީ މިމުބާރާތުގައި އެންމެ ރަނގަޅަށް ކުޅެމުން އަންނަ ކުޅުންތެރިޔާއެވެ. ބޯޅަ ހޯދުމާ ބޯޅަ ހިފަހެއްޓުމާ ނުރައްކާތެރި ޕާސްތައް ދިނުމުގައި ރޮޑްރީއަކީ އެއްވަނައެވެ. އަދި ބޭނުންވެއްޖެ ހާލެއްގައި ގޯލާ ޝޫޓުކުރަން ވެސް ރޮޑްރީ ފަސް ނުޖެހޭ އިރު މިމުބާރާތުގައި އޭނާ ވަނީ އެއް ލަނޑު ޖަހާފައެވެ. ފައިނަލްގައި އިނގިރޭސިންގެ މައްޗަށް ކުރި ހޯދުމަށް ސްޕެއިންއިން ބޭނުންކުރާނެ އެންމެ ނުރައްކާތެރި އެއް ހަތިޔާރަކީ ރޮޑްރީއެވެ.
ސްޕެއިންއަކީ މިމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ޓީމަށްވާ އިރު އެންމެ މަދުން ލަނޑު ވެއްދި ޓީމުތަކުގެ ލިސްޓުގައި ވެސް ސްޕެއިން އުޅެނީ ކުރީގައެވެ. މި ގޮތުން 6 މެޗުގައި ސްޕެއިންގެ ކޮޅަށް ވަދެފައިވަނީ އެންމެ ތިން ލަނޑެވެ. އޭނގެ ތެރެއިން އެއް ލަނޑަކީ ބައިކޮޅަށް ވަތް ގޯލެކެވެ. ސްޕެއިންގެ ވަރުގަދަ ޑިފެންސްގެ މައިގަނޑު އެއް ސިއްރަކީ ކުރީގެ ސިޓީގެ ޑިފެންޑަރު އަދި މިހާރު ސައުދީ ލީގުގައި ކުޅެމުން އަންނަ އެމްރިކް ލަޕޯޓްއެވެ. އޭނާއަކީ މެޗުގެ ތެރެއިން އަބަދު ވެސް ޓީމުގެ އެހެން ކުޅުންތެރިންނަށް ދަނޑު މަތިން އިރުޝާދު ދީ ހިތްވަރުދީ ހަދާ ޓީމުގެ އިސް ލީޑަރެކެވެ.
މި ތިން ކުޅުންތެރިންގެ އިތުރުން ވެސް ސްޕެއިން ޓީމުގައި ހުނަރާ ތަޖުރިބާއިން ފުރިފައިވާ ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. ރިއާލްގެ ޑެނީ ކަވަހާލްގެ އިތުރުން ޗެލްސީގެ މާކް ކުކުރެއާއެވެ. މެދު ތެރެއިން ކުޅޭ ފަބިއަން ރުއީޒް އަދި ކީޕަރު އޫނައި ސިމޯން އަކީ ވެސް މޮޅު ކުޅުންތެރިންނެވެ. ޓީމެއްގެ ގޮތަށް ކުޅުމުގެ ސިއްރަކީ އަމިއްލަ ކާމިޔާބީއަށް ވުރެ ޓީމު އިސްކުރުން ކަމަށް ކޯޗު ޑެ ލަ ފިއުންޓޭ ގަބޫލުކުރެއެވެ. އަދި މި ވިސްނުމުގައި ކުޅެ މިރޭ އޭނާގެ ޓީމަށް ތަށި އުފުލާލެވޭނެ ކަމުގެ ފުރިހަމަ އުއްމީދުވެސް އޭނާއަށް އެބައޮތެވެ.