މާލޭ ގެއަކަށް ވަދެ ފޭރުނު މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
މާލެ، ގަލޮޅުގައި ހުންނަ ގެއަކަށް މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ބަޔަކު ވަދެ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށާފައި ވަނީ ޖެހިގެން އައި ދުވަހުއެވެ. އެ ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް އޭރު ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުން މިރޭ ބުނީ، މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން 2026 އޮކްޓޫބަރު 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ގ. ގަސްރު / ކ. މާލެ، ތަލާލް މުހައްމަދު (41އ) އަދި ނައިޓްރޯސް / މ. މުލި، އަހުމަދު އުބައިދު (46އ) އެވެ.
މި ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ 2026 އޮކްޓޫބަރު 8 ވަނަ ދުވަހުގެ ވަގުތެއްގައި ގަލޮޅު ގެއެއްގެ 4 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކަށް ގަދަކަމުން ވަދެގަތް ކަމަށެވެ. އަދި އެތަނުގައި ތިބި މީހުން ހުއްދަނޫން ގޮތުގައި ހިފަހައްޓައި، ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ޝަރީއަތް ނިމެންދެން އެމީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އެ ގެއިން ވަނީ ގިނަ އަދަދެއްގެ ދިވެހި ރުފިޔާ އާއި ޑޮލަރު ވަގަށް ނަގާފައެވެ. ފައިސާތައް ފޭރިގެންފައި ވަނީ އެ ގޭގައި ތިބި މީހުންނަށް ވަޅިން ބިރު ދެއްކުމަށްފަހު ބަނދެ ބައިތިއްބާފައި ކަމަށް ވެއެވެ.
