ހުއްދަނެތި އަދި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން ރައްޔިތަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވަނީ އާމިރު ހުސައިން އާއި އެމްޑީ މީޒާނުއްރަހްމާން އަދި ސިރާޒް ހާން އެވެ. އެމީހުން ބަންދުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ، މި މީހުން ހޯދާފައިވަނީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރުވެސް ކުރިއަށް ގެންދާއިރު، އެމީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އެގޮތުން މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް އެސްއެމްއެސް، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ކަޅު ބާޒާރުގެ ސަބަބުން ރަސްމީ ބޭންކިން ނިޒާމަށް ބޭރު ފައިސާ ނުވަދެ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، އޭގެ ނޭދެވޭ އަސަރު މުޅި އިގްތިސާދަށާއި މުދަލުގެ އަގުތަކަށް ދަނީ ކުރަމުންނެވެ. ސަރުކާރުގެ ވިސްނުމަކީ ގާނޫނީ އޮނިގަނޑު ހަރުދަނާކޮށް، މިފަދަ ވަގު ވިޔަފާރިތައް ހުއްޓުވައި، އާންމު ރައްޔިތުންނަށް ރަސްމީ އަގުގައި ޑޮލަރު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.