ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓުތަކެއް އަތުލައިގެންފިއެވެ.
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުން ދިޔަ މި މަސްބޯޓުތައް އަތުލައިގެންފައި ވަނީ، އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއާ ކޯ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި އުޅަނދުތައް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އަރިއަތޮޅުގެ ހުޅަނގުން ގާތްގަނޑަކަށް 170 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް، ރޭގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވުނު ބޭރުގެ މި ތިން މަސްބޯޓު މިހާރު ދަނީ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ހިމާޔަތްކުރުމަށާއި، ގަވާއިދާ ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަޙައްދަށް ވަދެ މަސްވެރިކަން ކުރާ ފަރާތްތައް ހުއްޓުވުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން އަބަދުވެސް ހާއްސަ އިސްކަމެއް ދީގެން ޕެޓްރޯލް ކުރަމުން ގެންދެއެވެ.
ނަމަވެސް ދޭތެރެ ދޭތެރެއިން ބޭރުގެ މަސް ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނެއެވެ.
