މެލޭޝިޔާގެ ކުއާލާލަމްޕޫރުގައި ބޭއްވި މަޝްހޫރު "ޕްރިޒަމް އެންޑް އިގްނައިޓް 2026" ކޮންފަރެންސްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މަތީ ފަންތީގެ ޑެލިގޭޝަނަކުން ބައިވެރިވެއްޖެއެވެ.

މި ކޮންފެރެންސް ބާއްވާފައިވަނީ ޕްރޮޖެކްޓް މެނޭޖްމަންޓް އިންސްޓިޓިއުޓް (ޕީއެމްއައި) އިން އިންތިޒާމުކޮށްގެން ކުއާލާލަމްޕޫރުގެ ކޭއެލްޖީސީސީ ކޮންވެންޝަން ސެންޓަރުގައި މި އޮކްޓޯބަރު 12 އިން 13 އަށެވެ.

އެމްޓީސީސީން ބުނީ މި ކޮންފަރެންސްގައި އެމްޓީސީސީގެ ވަފްދުގެ އިސްކޮށް ހުންނެވީ އެ ކުންފުނީގެ ޗެއާޕާސަން ސާދާ އިބްރާހީމްކަމަށާއި، މީގެއިތުރުން ސީނިއާ ޖެނެރަލް މެނޭޖަރު މުހައްމަދު އުމަރު ޒާހިރު، ޖެނެރަލް މެނޭޖަރު އިބްރާހީމް ހަސަން އަދި އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ދާއިރާގެ ޒޯން މެނޭޖަރުން ބައިވެރިވެވަޑައިގެންނެވިކަމަށެވެ.

މެލޭޝިއާގެ ކުއާލާލަމްޕޫރުގައި ބޭއްވި "ޕްރިޒަމް އެންޑް އިގްނައިޓް 2026" ކޮންފެރެންސްގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

މި އަހަރުގެ ކޮންފަރެންސް ކުރިއަށްގެންގޮސްފައިވަނީ "ޕްރޮޖެކްޓް މެނޭޖަރަކީ ޕްރޮޖެކްޓްގެ އިންތިޒާމުތައް ހަމަޖައްސާ، އޭގެ އަގު ވަޒަންކޮށް ރައްކާތެރިކުރާ ފަރާތް" މި ތީމުގެ ދަށުންކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މި ބައްދަލުވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޝްރޫއުތައް ހިންގުމުގެ ދާއިރާގެ މާހިރުންނާއި، ސިނާއީ ލީޑަރުން އަދި އީޖާދުކުރާ ފަރާތްތައް އެއްވި ބައްދަލުވުމެއްކަމަށެވެ.

މި ކޮންފަރެންސްގައި ބައިވެރިވުމުގެ ސަބަބުން އެމްޓީސީސީގެ މަޝްރޫއުތައް ހިންގުމާއި، ގަވާއިދުތަކާއި އުސޫލުތައް ވަރުގަދަކުރުމާއި، އޮޕަރޭޝަނަލް ކަންކަން ސީދާކޮށް ގުޅުވާލުމުގެ އިތުރުން މަޝްރޫއުތައް ހަވާލުކުރެވޭ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް މުހިންމު އެހީއެއް ލިބިގެން ގޮސްފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނެފައިވަނީ މިފަދަ ބައިނަލްއަގުވާމީ ފޯރަމްތަކުގައި ބައިވެރިވުމަކީ ކުންފުނިން ހިންގާ ބިޔަ މަޝްރޫއުތަކުގައި ފުރިހަމަކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ގައުމަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދިނުމަށް އެމްޓީސީސީން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.