ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އިންގްލޭންޑް ހިނގައްޖެއެވެ. އިންގްލޭންޑް ފައިނަލަށް ދިޔައީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ ނެދެލޭންޑްސްއާ ވާދަކޮށް ފަހަތުން އަރާ 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި އިންގްލޭންޑްގެ ފަރާތުން އަވަސް ބަލާ ހިތްވާ ކުޅުމެއް ފެނުނު އިރު މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ނެދެލޭންޑްސްއިންނެވެ. މިގޮތުން އެޓީމުގެ ހާވީ ސިމޯންޑް ގޯލާ ދުރުން ޖެހި ލަނޑަކީ މި މުބާރާތުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން އިންގްލޭންޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ނެދެލޭންޑްސްގެ ޑިފެންޑަރު ޑަމްފްރީޒް އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭންއަށް ކުރި ފައުލެއް ދަނޑުގެ ކައިރީގައި ހުންނަ މޮނީޓަރުން ބެލުމަށް ފަހު ރެފްރީ ނިންމީ އިންގްލޭންޑަށް ޕެނަލްޓީއެއް ދިނުމަށެވެ.
މި ޕެނަލްޓީ ކާމިޔާބު ކަމާއެކު ފޮނުވާލާ ނަތީޖާ ހަމަހަމަކޮށް ދިނީ އިންގްލޭންޑްގެ ކެޕްޓަންއެވެ. އެލަނޑަށް ފަހު ވެސް އިންގްލޭންޑަށް ލީޑު ފުޅާ ކުރާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ނުހިފި ދިޔައެވެ.
ދެވަނަ ހާފްގައި ނެދެލޭންޑްސްއިން ކުޅުން ރަނގަޅު ކުރި އިރު މި ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް މާ ގިނަ ހަމަލާތަކެއް ނުފެނެއެވެ. ޙާއްސަކޮށް އިންގްލޭންޑްގެ ފަރާތުން ފެނުނީ މި މެޗުގެ ކުރިން އެޓީމުން މުބާރާތުގައި ދައްކަމުން އައި ކުޅުމެވެ. ކޯޗު ގެރެތް ސައުތްގޭޓް ޓީމަށް ބަދަލުތަކެއް ގެނެސް ކެޕްޓަން ކޭން ބަލާ ޒުވާން ފޯވަޑް އޮލީ ވޮޓްކިންސް އެރުވުން ވީ ދަނޑުގައި ތިބި ގިނަ ސަޕޯޓަރުން ހައިރާންކޮށްލި ބަދަލަކަށެވެ.
މެޗުގެ 90 މިނެޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެ މިނެޓްގެ ކުޅުން ފެށިތަނާ ހެން ދެވަނަ ހާފްގައި ވަރުގަދައަށް ކުޅެމުން އައި ނެދެލޭންޑްސްގެ ޑިފެންސް ފޫ އަޅުވާލީ ކޭންގެ ބަދަލުގައި އެރުވި ވޮޓްކިންސެވެ. މިއީ ބައިނަލްއަޤްވާމީ މުބާރާތެއްގައި ވޮޓްކިންސް އޭނާގެ ގައުމަށް ޖަހާ ދިން ފުރަތަމަ ލަނޑެވެ.
އެލަނޑު ޖެހިތާ މާގިނަ އިރު ތަކެއް ނުވެ ރެފްރީ މެޗު ނިންމާލި އިރު ފަހަތުން އަރާ 2 ލަނޑު ޖަހާ 2-1 އިން ނެދެލޭންޑްސް ބަލިކޮށް އިންގްލޭންޑް މިވަނީ ޔޫރޯ 2024 ގެ ފައިނަލަށް ދަތުރުކޮށްފައެވެ. މި މުބާރާތުގެ ނޮކް އައުޓް ސްޓޭޖްގައި ކުޅުނު ތިން މެޗުން ވެސް އިންގްލޭންޑް މޮޅުވެފައި މިވަނީ ފަހަތުން އަރާ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށް އެއަށް ފަހު މޮޅުވެގެންނެވެ.
ފައިނަލްގައި އިންގްލޭންޑުން ކުޅެން ޖެހޭނީ މިމުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް ދިޔަ ސްޕެއިންއާއެވެ. އިންގްލޭންޑަކީ އެންމެ ފަހުން ބޭއްވި ޔޫރޯ މުބާރާތުގެ ފައިނަލްގައި ވެސް ކުޅުނު ޓީމެކެވެ. އެފަހަރުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އިންގްލޭންޑް އަމިއްލަ ގައުމުގައި ބަލިވީ އިޓަލީ އަތުންނެވެ.