ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އެއް ފަރާތުން ސްޕެއިން މިހާރު މިވަނީި ގޮސްފައެވެ. ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ނިކުންނާނެ ޓީމެއް މިރޭ އެނގިގެންދާނެ އިރު ސެމީގެ ދެވަނަ މެޗުގައި ނިކުންނާނީ އިންގްލޭންޑާ ނެދެލޭންޑްސްއެވެ.
އިންގްލޭންޑަކީ ފަހަތުން އަރާ މޮޅުވުމުގެ އެކްސްޕާޓުން
ޔޫރޯ 2024 ގައި އިންގްލޭންޑަށް އެޓީމުގެ ސަޕޯޓަރުންނާއި އިނގިރޭސި މީޑިއާ ބޭނުންވާ ފަދަ ކުޅުމެއް ނުދެއްކުނު ނަމަވެސް އެޓީމުން ސެމީއާ ހިސާބަށް އައިސްފައިވާ މިވަނީ ފަހަތުން އަރާ މެޗުތަކުން މޮޅުވުމުގެ ތަޖުރިބާކާރުންގެ ގޮތުގައެވެ.
ގަދަ 16 ގެ މެޗުގައި ސްލޮވާކިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މެޗުގެ އެންމެ ފަހު މިނެޓަށް ދިޔަ އިރު ވެސް އިންގްލެންޑް އޮތީ 1-0 އިން ފަހަތުގައެވެ. އެހެން ނަމަވެސް ފަހު މިނެޓްގައި ޖޫޑް ބަލިންގްހަމް ޖެހި އޯވާހެޑް ކިކާއާއެކު މެޗު އިތުރު ވަގުތުގެ 30 މިނެޓަށް ދިޔައެވެ. އަދި އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ކެޕްޓަން ހެރީ ކޭން ޖެހި ލަނޑާއެކު ކުއާޓާއިން ޖާގަ ކަށަވަރުވިއެވެ.
ކުއާޓާގައި ސުވިޓްޒަލޭންޑާ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސުވިޓްޒަލޭންޑުންނެވެ. އެހެން ނަމަވެސް އެމެޗު ވެސް ނިމެން ދަނިކޮށް އިންގްލޭންޑުން ލަނޑެއް ޖަހާ އިތުރު ވަގުތު ގަދައަށް ޑިފެންޑްކޮށް ޕެނަލްޓީ ޝޫޓް އައުޓްގެ 5 ޕެނަލްޓީ ވެސް ކާމިޔާބުކޮށް ސެމީން ޖާގަ ހޯދިއެވެ.
ޖެހިޖެހިގެން ޔޫރޯގެ ދެވަނަ ފައިނަލަކަށް ދިއުމަކީ އިންގްލޭންޑަށް ނުކުރެވޭނެ ކަމެއް ނޫނެވެ.
ނެދެލޭންޑްސްއަކީ ވެސް ބަލި ގަބޫލުކުރަން ބޭނުންވާނެ ޓީމެއް ނޫން
ފަހަތުން އަރައިގެން މެޗުން މޮޅުވުމަކީ ނެދެލޭންޑްސްއިން ވެސް ދަސްކޮށްފައިވާ ކުޅުމެކެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު 2-1 އިން ޕޮލެންޑް ބަލިކުރީ ވެސް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. އަދި ކުއާޓާގައި ތުރުކީ ބަލި ކުރީ ވެސް ފަހު ހާފްގައި ފަހަތުން އަރާ ޖެހި ދެ ލަނޑާއެކުއެވެ.
ނެދެލޭންޑްސްގެ ކޯޗަކީ ރޮނާލްޑް ކޫމަންއަކީ ކުޅުންތެރިންނަށް ނުކުޅެވޭނަމަ ފުރަތަމަ ހާފްގައި ވެސް ޓީމަށް ބަދަލު ގެންނަން ފަސް ޖެހޭނެ ފަދަ ކޯޗެއް ނޫނެވެ. ތުރުކީ މެޗުގައި ސްޓީވަން ބާގްވައިންއަށް ނުކުޅެވޭ ތަން ފެނުމުން ދެވަނަ ހާފް ފެށި އިރު ފޯވަޑް ވެގްހައުސްޓް އަރުވާ ނެދެލޭންޑްސްގެ ހަމަލާތައް ވަރުގަދަ ކުރިއެވެ. ނަތީޖާއަކަށްވީ ތުރުކީގެ ޑިފެންސަށް އޮބިނޯވެ ފުލުފުލުގައި ދެ ލަނޑު ނެދެލޭންޑްސްއިން ޖެހުމެވެ.
ޔޫރޯ 2024 ކުއާޓާ ފައިނަލްގެ ހަތަރު މެޗުގެ ތެރެއިން ތިން މެޗު އިތުރު ވަގުތަށް ދިޔަ އިރު ރޭ ކުޅުނު ސެމީގެ ނަތީޖާ ލިބުނީ މެޗުގެ 90 މިނެޓްގެ ތެރެއިންނެވެ.
އެހެން ނަމަވެސް އިންގްލެންޑާ ނެދެލޭންޑްސްއަކީ ދާދި ހަމަހަމަ ދެ ޓީމަށްވާ އިރު މިމުބާރާތުގައި ދެ ޓީމަށް ވެސް އެންމެ ފުރިހަމަ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެހެން ކަމުން މިރޭގެ މެޗު އިތުރު ވަގުތަށް ގޮސް ޕެނަލްޓީއަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.