އައްޑޫ ސިޓީ އަށް ދާއިމީ ގޮތެއްގައި ޕެރިޝަބަލް ކާގޯ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިންޑިއާގެ ފުރަތަމަ ކާގޯ ބޯޓު އައްޑޫ ސިޓީގައި މިއަދު ދާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލް އިން ބުނީ މި ފަހަރު އަންނަ ބޯޓުން 150 ޓަނުގެ ކާބޯތަކެތި ގެންނާނެކަމަށާއި، އެ ބޯޓު މިރޭ ހިތަދޫ ޕޯޓުގައި ބަނދަރުކުރާނެކަމަށެވެ. މި ފަހަރު އަންނަ ބޯޓުން ފިޔާ، އަލުވި، ބިސް، ތަކުރާރީ އާއި މޭވާ ގެންނައިރު އެމްޕީއެލްއިން ބުނީ ކޮންމެ 10 ނުވަތަ 15 ދުވަހަކުން އިންޑިއާއިން ރާއްޖެއަށް މުދާ އުފުލާ ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މިކަމާއި ގުޅޭ މަޝްވަރާތައް އައްޑޫ ވިޔަފާރިވެރިންނާ ކުރަމުން އަންނައިރު ދަތުރުތައް ކުރިއަށް ގެންދިއުމުގައި އައްޑޫ އިން ލިބޭ ޑިމާންޑަށް ބަލާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ރާއްޖެ އަށް އެންމެ ގިނައިން ޕެރިޝަބަލް ކާގޯ ގެންނަ އިންޑިޔާގެ ފައިނޭސް ގުރޫޕް މެދުވެރިކޮށް މި ހިދުމަތް ފަށާފައިވާއިރު އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު މީގެ ކުރިން ވިދާޅުވީ، ކުރިން މި ހިދުމަތް ދެމުން ގޮސްފައި ވަނީ ލަކުޑި ބޯޓު ފަހަރުން ކަމުން، އޭރު މި ހިދުމަތް ދެވެނީ، އަހަރު ތެރޭގައި ވަކި ދުވަސް ތަކެއްގައި ކަމަށެވެ. އެހެންކަމުން އަހަރުތެރޭ ގިނަ ދުވަސްތަކުގައި އައްޑޫ ސިޓީ އަށް ބޭނުންވާ، މި މުދާ ގެންދަން ޖެހެނީ މާލެއިންކަން ފާހަގަކޮށް ވަޖީހު ވިދާޅުވީ މިފަހަރު އައްޑުއަށް މި ހިދުމަތް ދެވޭނީ ދަގަނޑު ބޯޓު ފަހަރުން ކަމަށްވާތީ، މުޅި އަހަރު ތެރޭ ހުރިހާ ދުވަސް ތަކެއްގައިވެސް މެދުކެޑުމެއްނެތި، މި ހިދުމަތް ލިބެމުން ދާނެކަމަށެވެ.

މީގެ އިތުރުން ވަޖީހު ވިދާޅުވީ ޕެރިޝަބަލްގެ އިތުރުން، އައްޑޫ ސިޓީ ގެ ރައްޔިތުން އިންޑިއާ އިން ގެންނަން ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާ، ޖެނެރަލް ކާގޯ ގެ ބާވަތްތައްވެސް ގެނެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ވާކަމަށެވެ.