އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ނުވެ ދެ އަހަރުވާން ކައިރިވެފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮނިޔަތެއް އޮތްކަމަށް ގަބޫލުނުކުރާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއިން ފާއިތުވި ދެ މަސް ދުވަހު ކަރަންޓު ކެޑިފައިނުވާއިރު، ކަރަންޓު މައްސަލައަށް ހައްލެއް ލިބިފައިވާކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު މުޅި އައްޑޫން ކަރަންޓު ކެނޑުމަށްފަހު، މިހާރު އަނެއްކާވެސް ލޯޑުމަތިވާ ގަޑިތަކުގައި އައްޑޫގެ އެކި ހިސާބުތަކުން އަންނަނީ ކަރަންޓު ކަނޑަމުންނެވެ.
ކަރަންޓުގެ މައްސަލައާއި ގުޅޭ ގޮތުން އައްޑޫ ސިޓީ މޭޔަރު ވިދާޅުވީ އެ ސިޓީގެ ރައްޔިތުން ކަރަންޓު ނެތި އަނެއްކާ ވެސް ދަނީ މުސީބާތުގެ ހާލަތު ތަހައްމަލު ކުރަމުން ކަމަށެވެ. ގަޑިއިރަކުން ގަޑިއިރަކުން އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުންދާއިރު ވިޔަފާރިތަކާ، އަމިއްލަ ފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ލިބި، އާންމު ހިދުމަތްތަކަށް ހުރަސް އެޅެމުންދާ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ވެސް ރަސްމީ ގަޑީގައި ދެފަހަރަށް ކަރަންޓު ކަނޑާލާފައިވާކަން ހާމަކުރައްވަމުން ނިޒާރު ވިދާޅުވީ މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހު ފަސް ގަޑިއިރަށް ކަރަންޓު ކެނޑުމަކީ ކާރިސާގެ ހާލަތުކަމަށް ނިންމަވައި އެކަން އަވަހަށް ހައްލު ހޯއްދަވައި ދެއްވުމުގެ ޔަގީންކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވި ކަމަށެވެ. ނަމަވެސް އައްޑޫ ރައްޔިތުން ދެވަނަ ދަރަޖައިގައި ބެއްލެވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ނިޒާރު ވިދާޅުވިއެވެ. މީގެ އިތުރުން ނިޒާރު ވިދާޅުވީ އެއީ އިންސާފުވެރި ގޮތެއް ނޫންކަމަށާއި އައްޑޫ ސިޓީގެ ކަރަންޓްގެ ހާލަތު ރަގަޅު ނުވެވި ދެ އަހަރު ވާންކާރިވެފައިވާއިރު މިމައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮނިޔަތެއް އޮތްކަމަށް ގަބޫލް ނުކުރައްވާކަމަށެވެ.