އައްޑޫ ސިޓީގައި ރޭ ކުޑަކުއްޖަކު ދުއްވި ސައިކަލް އެކްސިޑެންޓު ހިނގީ، އޭގެ ތެރެއިން ސައިކަލް ދުއްވަން އިން ކުޑަކުއްޖާއަށް ފުލުހުން ފެނިގެން ބިރުން ފިލަން އުޅުމުގެ ތެރޭގައި ކަމަށް, ފުލުހުން ބުނެފިއެވެ.
އައްޑޫ ސިޓީގެ ހިތަދޫ، ހީނާމަގުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓު، ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 21:17 ހާއިރުއެވެ.
ރޭ ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއް ސައިކަލު ދުއްވި އަންހެނަކަށާއި، އަނެއް ސައިކަލު ދުއްވި 15 އަހަރުގެ ފިރިހެން ކުއްޖާ އާއި އެ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެފައިވާކަމަށެވެ. އަދި މި ދެ ކުޑަކުދިންނާއި އަންހެން މީހާ ފަރުވާ ދިނުމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންނަށް ގިނަ ތުހުމަތުތަކެއް ކޮށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެ ގޮތުން ކުޑަކުދިން ދުއްވި ސައިކަލު އެކްސިޑެންޓުވީ ފުލުހުންގެ ވެހިކަލުގައި ޖެހިގެންކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު އެ ކުދިން ވެހިކަލަށް އެރުވުމަށްފަހު އަނިޔާކުރިކަމަށް ބުނާ ވާހަކަތަކެއްވެސް އަންނަނީ ދައުރުވަމުންނެވެ.
މި ތުހުމަތުތަކާއި ގުޅިގެން ފުލުހުން ބުނީ އެ އެކްސިޑެންޓާ ފުލުހުންގެ އެއްވެސް އުޅަނދަކާ ގުޅުމެއް އޮތް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައި ނުވާ ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގާފައި ވަނީ ފުލުހުންގެ ވެހިކަލް ފެނުމުން ބިރުން, ކުޑަ ކުއްޖާ ދުއްވި ސައިކަލް އަނބުރާލާފައި ދަނިކޮށް, އެކްސިޑެންޓްވި އަނެއް ސައިކަލް ކާރަކުން ނައްޓާފައި ދަނިކޮށް މި ދެ ސައިކަލް ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.