އައްޑޫސިޓީގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ދެ މީހަކު އަތުލައިގެންފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ މީދޫގައި، ތިލިންފަރު ބިއުޓީ އެންޑް ސްޕާގެ ނަމުގައި ހިންގަމުންދިޔަ ތަނެއްގައި ހަށި ވިއްކާ ކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބުމާއެކު އެތަނުގައި ހިންގި އޮޕަރޭޝަނެއްގައި ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މަހުގެ 19 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި އަތުލައިގެންފައިވަނީ އުމުރުން 25 އަހަރުގެ ސ. މަރަދޫއަށް ނިސްބަތްވާ ނަވާލް ހުސައިން އަދި ތައިލޭންޑަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ޔޮންލައްޑާ ސުކްސުވަންގު ކަމަށެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ އިދާރާއިން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ ބިދޭސީންގެ އިތުރުން ދިވެހިން އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ވެސް އިމިގްރޭޝަނުން ވަނީ ހަށިވިއްކަމުން ދިޔަ ވިއެޓްނާމްގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފައެވެ. އަދި މި އަހަރުގެ މާޗު މަހުވެސް ވަނީ ފުޅާދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ 3 މީހަކު އަތުލައިގަނެ ޑީޕޯޓުކޮށްފައެވެ. އިމިގްރޭޝަނުން ވަނީ އެ 3 މީހުންނަކީވެސް ރާއްޖޭގެ ވޯކް ވިސާގައި އުޅެމުންދިޔަ 3 މީހުން ކަމުގައި ބުނެފައެވެ.