ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގެ 9 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެއް ފުލުހުން ބަލަން ފަށައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ފުލުހުން ތަހުގީގު ކުރަމުން ދާކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގެ ތަހުގީގަކީ ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ މައްސަލަ ތަކެއްކަމަށް ފުލުހުން ބުނެއެވެ.
ދަ ޕްރެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވަނީ އިތުބާރު ހިފޭފަދަ މަގާމެއްގައި ހުރި ފަރާތަކުންނެވެ. އެހެންނަމަވެސް ކުޑަކުދިންގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް، އަދި މިފަދަ މައްސަލަތަކުގެ ތަފްސީލުތައް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.