އައްޑޫ ސިޓީ ހިތަދޫގައި ކުޑަކުއްޖަކު ދުއްވި ސައިކަލެއް އެކްސިޑެންޓުވެ 3 މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާއާއި ގުޅިގެން މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އައްޑޫ ސިޓީގެ ހިތަދޫ، ހީނާމަގުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލަ މިރޭ 21:17 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވި އަންހެނަކަށާއި، އަނެއް ސައިކަލު ދުއްވި 15 އަހަރުގެ ފިރިހެން ކުއްޖާއާއި އެ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެފައިވާކަމަށެވެ. އަދި މި ދެ ކުޑަކުދިންނާއި އަންހެން މީހާ ފަރުވާ ދިނުމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދަންވަރު ސައިކަލު އެކްސިޑެންޓެއް ހިނގައި ފުވައްމުލަކުން 17 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެސް ވެފައެވެ. ފުލުހުން ބުނީ، އެކްސިޑެންޓް ހިނގާފައި ވަނީ ފުވައްމުލަކު ހުސްނުހީނާ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ފާރުގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތި ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށެވެ.

މި ހާދިސާގެ އިތުރުން ދާދި ފަހުން މާލޭގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި ވެސް މި އުމުރުފުރައިގެ ކުއްޖަކު ވަނީ މަރުވެފައެވެ. އެ ހާދިސާގައި ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ ހަމަ އެކަނި ދަރިފުޅު އަލްސަން މުހައްމަދު (16އ.) އެވެ.